2030ގެ ނިޔަލަށްވެސް ނިންމޭނީ އެ ޖަމާއަތުން ކުރުމަށް ކަނޑައަޅައި ފަށާފައިވާ މަސައްކަތްތަކުގެ 17 އިންސައްތަކަމަށް އދއިން ބުނެފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އދއިން ވަނީ ދާދި ފަހުން ނެރުނު ރިޕޯޓެއްގައި އެ ޖަމާއަތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވުމާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އެގޮތުން 169 ކަމެއް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާއިރު 2030 ވަނަ އަހަރުގެ ނިޔަލަށް ނިންމޭނެ ގޮތަށް ތާވަލާއި އެއްގޮތަށް ކުރިއަށް ދަނީ 17 އިންސައްތަ މަސައްކަތްތައްކަމަށް ބުނެފައިވެއެވެ. އަދި މިއީ 7 ބިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުޓޭރެޒް ހާމަކުރެއްވިއެވެ.
ރިޕޯޓުގައިވާގޮތުން ދުނިޔޭގެ ލީޑަރުންވަނީ އެތައް މަސައްކަތެއް 2015 ވަނަ އަހަރުގެ ކުރިން ހާސިލުކުރުމަށް ނިންމާފައިކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ދުނިޔޭގެ ފަގީރުކަން ނިމުމަކަށް ގެނައުންވެސް ހިމެނޭއިރު 169 ލަނޑުދަނޑިއެއް ހާސިލުކުުރުމަށްވެސް ކަނޑައަޅާފައިވެއެވެ.
އދއިން ބުނެފައިވާގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މަސައްކަތްތަކުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވެއެވެ. އަދި ތިން ބައި ކުޅަ އެއްބައި މަސައްކަތްތައް ހުއްޓިފައި ނުވަތަ މަޑުޖެހެމުންދާއިރު ހާސިލުކުރެވޭނެކަމަށް ބެލެވެނީ 17 އިންސައްތަ ލަަނޑުދަނޑިތައްކަމަށްވެސް ބުނެފައިވެއެވެ.
ގުޓޭރެޒް ވިދާޅުވީ، މިކަމުގެ ނަތިޖާ ވަރަށް ސާފުކަމަށެވެ. އެގޮތުން ސުލްހަ ގާއިމުކުރުމަށް ނާކާމިޔާބުވުމާއި މޫސުމީ ބަދަލުތަކުން ރައްކައުތެރިވުމަށް ނާކާމިޔާބުވުމުގެ އިތުރުން އެކަމަށް މާލީ އެހީތެރިކަން ހޯދުމުގައިވެސް ނާކާމިޔާބުވެފައިވުމުން ކުރިއެރުމަށް ހުރަސްތައް އެޅިފައިވާކަމަށް އޭނާ ވިދާޅުވިކަމަށް ބުނެފައިވާއިރު ކޮވިޑްގެ ސަބަބުން 23 މިލިއަން މީހުން ފަގީރު ކަމާއި ކުރިމަތިލަމުންދާކަމަށާއި ކުރިއަށް ވުރެ އެކަންވެސް ގޯސްވެފައިވާކަމަށް ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ދުވަހަކުވެސް ނެތް މިންގަނޑަށް މުއްސަނދިކަމާއި މައުލޫމާތާއި ޒަމާނީ ވަސީލަތްތައް ލިބިފައިވާއިރު އެތައް މިލިއަން ބައެއްގެ އަސާސީ ހަގުތައް ކަށަވަރުވެފައި ނެތުމަކީ ބަލައިނުގަނެވޭ ކަމެއްކަމަށެވެ.

