އިސްރަށްވެހިންގެ ނާދީއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި ގުޅިގެން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ދޭދޭ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި ގުޅޭގޮތުން ބައިވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ ނަފްސާނީ ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ހަރަކާތްތަކެއް ރާވައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަރުކަޒެކެވެ. މިނިސްޓްރީން ބުނީ ކޮންމެ ހަފްތާއަކު އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ހަރަކާތްތައް އާންމުކޮށް ފެންނާނެހެން ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެ ކަމަށެވެ.
އިސްރަށްވެހިންގެ ނާދީއެއް މާލޭގައި ހުޅުވާފައިވާއިރު ވަރަށް އަވަހަށް ހިޔާ ސަރަހައްދުގައި ހަމަ އެފަދަ ނާދީއެއް ހުޅުވިގެން ދާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ މިނިސްޓްރީން ވަނީ ދާދިފަހުން ބުނެފައެވެ.
އިސްރަށްވެހިންގެ ނާދީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ އެއް ބައެއް ކަމަށް ސަރުކާރުން ބުނެއެވެ. ރައީސް އެންމެ އިސްކަމެއް ދީގެން ކުރުމަށް ރާވާފައިވާކަންކަމުގައި ހަފްތާ 14 ގެ މެނިފެސްޓޯގައި ހިމަނައި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެންމެ ފުރަތަމަ އިސްރަށްވެހިންގެ ނާދީއެއް ހުޅުވައިދެއްވިއެވެ.

