2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައި ނުވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެ ބަޖެޓު ފާސް ކުރީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ އަދަދުތަކެއް ހުށަހެޅި ނަމަވެސް 19 ވަނަ މަޖިލީހުން އެ މަޝްރޫއުތައް އުނި ކުރީ އެވެ.
ބަޖެޓުގެ ދަތިކަމާއި ހުރެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވޭކަމަށް ރައީސް މުއިއްޒު ވެސް ވިދާޅުވި އެވެ. އަދި އެ ވާހަކަތައް ތަކުރާރު ކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއްތަލުބު ވިދާޅުވީ މިދިޔަ ސަރުކާރުގައި މަޝްރޫއުތަކެއް އިއުލާނު ކުރުމަށް ފަހު ގިނަ ޕްރޮޖެކްޓުތައް އޮތީ ހުއްޓިފައިކަމަށެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަނާއި ހާވަލު ކުރި މަޝްރޫއުތައް، ހުއްޓި ފައިސާ ނުދެވި ހުރިކަން ވެސް މުއްތަލިބު ފާހަގަކުރެއްވި އެވެ. އަދި އެހެން މަސައްކަތްތައް ވެސް ކުރިޔަށް ނުގޮސް ހުރިއިރު ސަރުކާރުން ދަނީ މި އަހަރު ފެށޭނެ މަސައްކަތްތައް ބަލަމުންކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއާއި އެކު މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މަޝްރޫއުތައް ކުރިޔަށް ގެންދާނީ، ތަރުތީބު ކުރެވިފައިވާ އުސޫލެއްގެ ތެރެއިންކަމަށެވެ.
ބަޖެޓުގައި ގިނަ މަޝްރޫއުތަކެއް ހިމަނާފައި އެބަހުރި.. އެކަމަކު މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހިމަނާފައި ނެތް…
މީގެއިތުރުން ބައެއް މަޝްރޫއުތަކަށް ހިމަނާފައި ހުރި ފައިސާއަކީ، އެ ޕްރޮޖެކްޓުގެ އަސްލު އަގަށް ބަލާއިރު އެކަށީގެންވާ އަގަށް ވުރެ ކުޑަ އަދަދެއްކަމަށް މުއްތަލިބު ވިދާޅުވި އެވެ.

