ކުނި އުކާލުމާއި ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ ރޭ ޓްރާންސްޕޯޓް މިނިސްޓްރީއިން އިފްތިތާހު ކުރި ”މާލެފަހި ޕްރޮގުރާމް“ ގެ ތެރެއިންނެވެ. ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، ކުނި އުކާލުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު މިކަންކަން ތަންފީޒު ކުރާނީ ގުޅިގެން ޓީމެއްގެ ގޮތުގައިކަމަށެވެ. މި ނިންމުމުގެ ސަބަބުން މާލެއަށް ދިމާވެފައި އޮތް ތޮއް ޖެހުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓްރެފިކުގެ މައްސަލައަށް ހައްލު ލިބި، އާއްމުންނަށްވެސް ލުއިފަސޭހަވެގެންދާނެކަމަށެވެ.

