ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެ ދުވަސް އޮފް ދުވަހުގެ ގޮތުގައި ދިނުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅައިފިއެވެ.
ވަޒީފާގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުތައް ތަންފީޒުކުރުމުގައި ނުވަތަ ގާނޫނުތަކަށް އަމަލުކުރެވޭ މިންވަރު ދެނެގަތުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ވަކިން ޚާއްސަކޮށް، ވަޒީފާޔާ ބެހޭ ގާނޫނު ފަދަ ގާނޫނުތައް ތަންފީޒު ކުރުމުގައި ތަންފީޒީ އިދާރާތައް ފަސްޖެހިފައިވާކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެގޮތުން ވަޒީފާގެ ގާނޫނުގަ ހަފްތާއަކު އެއްދުވަސް އެއީ ޗުއްޓީގެ ގޮތުގައި ނުވަތަ އޮފް ދުވަހެއްގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ބައެއް ކުންފުނިތަކުން އަދި ޚާއްސަކޮށް ރިސޯޓުތަކުން އޮފް ދުވަސް އެ އުސޫލުން ނުދޭކަން މެމްބަރު ފާހަގަކުރެއްްވިއެވެ. އަދި އެއީ ވަރަށް މުހިއްމު މަގްސަދެއްގަ އޮންނަ މާއްދާއެއްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ހަފްތާޔަކު ދެ ދުވަސް އެއީ ޚާއްސަކޮށް ޓޫރިޒްސްޓް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އޮފް ދުވަހުގެ ގޮތުގައި ކަނޑައަޅަން ވަޒީފާގެ ގާނޫނަށް އިސްލާހު ހުށަހަޅާ ކަމަށެވެ.
ސަބަބަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އާންމު ގޮތެއްގައި އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުންދާތީ. އެހެންވީމަ ދެ ދުވަސް ދެވިއްޖެ ކަމުގައި ވާނަމަ އެ ފަރާތްތަކަށް އެއްދުވަސް އެއީ އެކިއުމުލޭޓް ކުރެވޭނެ ދުވަހެއްގެ ގޮތުގައި ބަލައި އަނެއް ދުވަހަކީ ރިސޯޓުގައި އޮފް ނެގޭނެ ދުވަހެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ. އަދި އޮފްތައް އެކިއުމުލޭޓް ކުރަމުން ގޮސް، ދެމަސް ދުވަަސް އެއްކޮށްލައިގެން އަށް ދުވަސް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކިއުމުލޭޓް ކުރެވޭނެ ގޮތަށް ބަދަލު ގެނަސް، އެ ވާހަކަ ގާނޫނުގައި ލިޔަން އެބަޖެހޭ. ސަބަބަކީ މިހާރު ވަޒީފާޔާ ބެހޭ ގާނޫނުގަ އޮންނަ ގޮތުން އޮފް ޑޭ އެކިއުމުލޭޓް ކުރުމުގެ އިހުތިިޔާރު މި އޮންނަނީ ވަޒީފާ ދޭ ފަރާތަށް ދޫކޮށްލެވިފަ. ވަޒީފާ ދޭ ފަރާތުން ބޭނުންވެއްޖެ ކަމުގަ ވާނަމަ އެކަން ކުރެވޭ ގޮތަށް ގާނޫނުގަ ކަނޑައަޅާފަ މިއޮތީ. އެހެން އޮތް އޮތުން ބަދަލު ކޮށް، ގާނޫނުން އޮފް ޑޭ އެކިއުމުލޭޓް ކުރުން ލާޒިމް ކުރަން ޖެހޭ ކަމަށް ދަންނަވަން.
މެމްބަރު ވިދާޅުވީ އޭގެ އިތުރުން ވަޒީފާޔާ ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި އެންމެ ގިނަވެގެން ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑި ކަނޑައަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ގިނަވެގެން ދުވާލަކު މުވައްޒަފަކު ލައްވާ މަސައްކަތް ކުރެވޭނީ އަށް ގަޑިއިރު ކަމުގައި ކަނޑަނާޅާ ވަޒީރު އެހުންނަވާ ހުންނެވުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަން އެމަގުން ކުރުމަށް ވީ އެންމެ އަވަހަށް ކުރުމަށް ލޭބަރ މިނިސްޓަރަށް މައުރޫފް ގޮވާލެއްވިއެވެ.
ގާނޫނުގައި އިތުރު ވަގުތު މަސައްކަތް ކުރުމުން އޯޓީ ދޭން ޖެހޭނެ ކަމަށް ސާފުކޮށް ބަޔާންކުރި ނަމަވެސް ހިތާމަޔަކީ ރާއްޖޭގެ ގިނަ ކުންފުނިތަކުން އަދި ސަރުކާރުން ވެސް، ޚާއްސަކޮށް ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޓީޗަރުންނާ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ލައްވާ އޯވަރ ޓައިމް މަސައްކަތް ކުރުވުމަށް ފަހު އޯވަރ ޓައިމަށް ފައިސާ ނުދޭކަމަށް މެމްބަރު ވިދާޅުވިއެވެ.
އަޅުގަނޑު ގޮވާލަން މި ފުރުސަތުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް މިކަންކަމަށް އަހަމިއްތުކަން ދީ ގާނޫނު ރަނގަޅަށް ތަންފީޒު ކުރަމުން ގެންދިއުމަށް. އަދި އެއްވެސް މުވައްޒަފަކު ލައްވާ އިތުރުގަޑީ މަސައްކަތް ކުރުވައިފި ނަމަ އެއީ ގާނޫނާ ޚިލާފުކަމެއް ފައިސާ ނުދީ އިތުރުގަޑީ މަސައްކަތް ކުރުވުމަކީ. ވަކިން ޚާއްސަކޮށް ޓީޗަރުންނަށް މިހާރު ކަނޑައަޅާފަ އޮތް އޯވަޓައިމްގެ ސީލިންގް ކަނޑާލުމަށް.
އޭގެ އިތުރުން، ޕްރޮބޭޝަން ޕީރިއަޑަކީ ތިން މަސް ނަމަ އެ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވޭނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވެނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ގާނޫނުގައި ބަޔާން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި އެއްވެސް ސަބަބެއް ނެތި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބިކަ ކޮށްލުމުގެ ފުރުސަތު ވަޒީފާދޭ ފަރާތްތަކަށް އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ވަޒީފާޔާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގައި ވަޒީފާއާ ބެހޭ އެއްބަސްވުންތައް އެކުލަވާލަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިންނައިރު ވަކި މުއްދަތެއް ކަނޑައެޅިގެން އެ ދޭ ވަޒީފާގެ އެއްބަސްވުންތައް ވެސް އެ މުއްދަތު ހަމަވުމުން އެ ވަޒީފާ އަދާކުރާ މުވައްޒަފުގެ އެބަސްވުން ނިމުމަކަށް ގެންނަން ޖެހޭނީ އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ބޭނުންވާނަމަ އެކަށީގެންވާ ސަބަބަކާ ލައިގެން. ހަމަ އެއްވެސް ސަބަބެއް ނެތި އެހެން ރައްޓިއްސަކަށް ނުވަތަ ސިޔާސީ އެހެން ނުފޫޒެއްގެތެރެއިން އެހެން ފަރާތަކަށް ވަޒީފާއެއް ދިނުމުގެ ބޭނުމުގައި ވަޒީފާގެ އެއްބަސްވުންތައ ހިތުހުރި ގޮތަކަށް ނިންމާލުމުގެ ފުރުސަތު ނުވަތަ ނިމުމަކަށް ގެނައުމުގެ ފުރުސަތު އޮވެގެން ނުވާނެ. އެކަށިގެންވާ ސަބަބަކާ ލައިގެން މެނުވީ ވަޒީފާގެ އެއްބަސްވުމެއް ނިމުމަކަށް ގެނެވިގެން ނުވާނެ.
މައުރޫފް ވިދާޅުވީ ވަޒީފާޔާ ބެހޭ ގާނޫނުގަ ބަޔާން ކޮށްފައިވާ މުހިއްމު ހައްގުތަކަކީ ވަރަށް ގިނަ މަސައްކަތްތެރިންނާ، ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންނާ އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދީފައިވާ ގާނޫނެއް ކަމަށެވެ. އެ ގާނޫނުން ލިބޭ ހައްގުތައް ތަންފީޒު ނުކުރެވި ނުވަތަ މަސައްކަތްތެރިންނަށް ކަށަވަރުކޮށްނުދެވޭ ކަމަށްވާނަމަ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބޭނުމެއް ނެތް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ވަޒީފާގެ ގާނޫނުގަ މިނިމަމް ވޭޖް ބޯޑު އެކުލަވާލާ، އެ ބޯޑުގެ ބައްދަލުވުންތައް ބާއްވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ވެސް މިނިމަމް ވޭޖް ބޯޑުގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފަ ނުވާކަން މައުރޫފް ފާހަގަކުރެއްވިއެވެ.

