ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ރޭސް ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް އާންމު މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގެ ފޭސް ދޭއް ސަރަހައްދުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ. މި އެކްސިޑެންޓުގެ ސިސީޓިވީ ވީޑިއޯއެއް އާންމިވިއިރު އޭގެއިން ފެންނަ ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ގޮސް ޖެހެނީ މަގުގެ އެއް ފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގަ އެވެ. އެކްސިޑެންޓުވެ، ސައިކަލުގައި އިން މީހާ ވިއްސައިގެން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި ކާރު ދުއްވަންއިން މީހާ ވަނީ އެކްސިޑެންޓަށް ފަހު ފިލާފަ އެވެ.
މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

