ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯ ނުލަނބާ، ޤާނޫނު ތަކާއި ޤަވާއިދުތައް މުގުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯ ނުލަނބާ، އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކޮށް އެ ފަރާތްތައް ދިވެހިރާއްޖެއިން ފުރުވާލެވޭނެ ކަމަށެވެ. އަދި ދޫކޮށްފައިވާ ވިސާއަށް ހަމައަށް ފައިސާ ދެއްކުމަކީ އެމީހާ ޤަވާއިދުން އުޅޭ ފަރާތެއް ކަމަށް ބަލާ ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ޤާނޫނު ތަންފީޒީ އިދާރާތަކުން އެ ފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާ ކުރާނެ ކަމަށެވެ. ޝަމްއާން މިހެން ވިދާޅުވެފައިވާއިރު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރުމަށް ވަނީ ނިންމާފައެވެ.
މި މައްސަލައާއި ގުޅިގެން އިމިގްރޭޝަން އިން ބުނީ ހަ ބިދޭސީއަކު އިމިގްރޭޝަންއާއި ހަވާލުކުރީ ރޭގެ ވަަގުތެއްގައިކަމަށެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނިއެވެ.

