މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ ނުވަ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކުރުމަށްފަހުއެވެ.
އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ފެނުނު ތަކެތީގެ ތަފްސީލެއް ދީފައި ނުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތޯހިދުލް އިސްލާމް (35އ) އާއި، މޮނީރް ބެޕާރީ (37) އާއި، ޖަކިރް މުންޝި (46އ) އާއި، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ) އާއި، އެމް.ޑީ އުސްމާން (23އ) އާއި، މޮހައްމަދު ބަބްލޫ އަލީ (34އ) އާއި، އެމް.ޑީ ރައިހާން (32އ) އާއި، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު އެ އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

