ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
މި މަހުގެ ތިން ވަނަ ދުވަހު ފުލުހުން ވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އައިމަން ހައްޔަރުކޮށްފައިވާކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް މިއަދު ”ސަންގަށް“ ވިދާޅުވެފައިވަނީ، އައިމަންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން އޭނާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، އެ މައްސަލައިގައި ތަހުގީގު ނިމުމަކާ ގާތްވެ، މިހާރު ކުރިއަށްދަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ކަމަށެވެ.
ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ އަކީ ޖިނާއީ މައްސަލައެއް ތަހުގީގުކޮށް ނިންމުމަށްފަހު، ކޯޓަށް ދައުވާ ހުށަހެޅުމަށް ޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން، ތަހުގީގީ އިދާރާއާއި ޕީޖީ އޮފީހާ ދެމެދު މަޝްވަރާކޮށް މައްސަލަ ކުރިއަށް ގެންދާނެ ގޮތް ނިންމާ މަރުޙަލާއެވެ.
އައިމަން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވީ 2014 ވަނަ އަަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، އޭނާގެ ކުރީގެ އަނބިމީހާގެ ފަރާތުންނެވެ.

