ދިވެހި ފުލުހުންގެ ހިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ”އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026“ މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 10 އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ އެ ތިން ދުވަހުގެ ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
ފުލުހުން ބުނި ގޮތުގައި، އެ ކޮންފަރެންސަކީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ކޮންފެރެންސެކެވެ.
އެ ކޮންފަރެންސްގައި އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅިގެން ދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ހިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ މަޝްވަރާތަކުގެ ތެރެއިން، މުއައްސަސާގެ އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅި، ދިވެހި ފުލުހުންގެ ހިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅިގެންދާނެއެވެ.

