ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ގަސްތުގައި ޖެއްސި މައްސަލާގައި ހައްޔަރުުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ދައުވާކުރުމަށް ފޮނުވުމަށް ފަހު، އެކަކު ފިޔަވައި އެންމެން ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި މިވަގުތު ބަންދުގައި ބަހައްޓާފައި ހުރީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ އަބްދުﷲ ސައްމާހް ހަސަން (20އ) އެކަންޏެވެ. އޭނާ އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. ބަންދުކުރުމަށްފަހު ޝަރުތުތަކާއެކު ދޫކޮށްލައިފައިވަނީ:
- އަނޫފް ބިން މުހައްމަދު، (21އ)، ހ. ފިލްމީސައިޓް
- އަހުމަދު ޝިނާޒް، (30އ). ކ. ގާފަރު، މަލަ
- އަހުމަދު މާއިޝް މުހައްމަދު، (21އ)، ސ. ހިތަދޫ، ފެނީވާ
އެންމެންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތެވެ. ރަށުން ބޭރަށް ދިއުން މަނާކޮށް، ތިން މީހުން ދޫކޮށްލުމަށް ކުރި އަމުރުގައި ބުނީ އެ މައްސަލައިގައި ހިމެނޭ އެކްސިޑެންޓު ހިނގާފައި ވަނީ އެ މީހުން ދުއްވަން އިން ސައިކަލުން ނޫން ކަމަށެވެ.
އެ މީހުން ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށް އަމުރުގައިވެއެވެ. ބަންދުން ދޫކުރަން ކުރި އަމުރުގައިވާ ގޮތުން އެ މައްސަލާގައި ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު މައްސަލަ ބަލައިގެންފައިވެއެވެ.
ސައްމާހުގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ދުއްވަން އިން ސައިކަލަކުން އެކްސިޑެންޓް ހިނގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މެޑިކޯ ލީގަލް ރިޕޯޓުން ލިބިފައިވާ އަނިޔާތައް ވެސް ސާފުވާ ކަމަށް އަމުރުގައިވެއެވެ.
ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ސައިކަލެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެެވެ. އެކަމަކު ފުލުހުންގެ ބަޔާނުގައިވާ ގޮތުން އޭނާ ސައިކަލު ދުއްވާފައި ވަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. އަދި ސައިކަލު ދުއްވިއިރު ތުހުމަތުކުރެވޭ ފަރާތް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ބުނެފައިވާ ކަމަށް އަމުރުގައިވެއެވެ.
ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

