މި ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރުކޮށް ބާރުތައް އެއްކޮށްލުމަށްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުގއ އޮތީ ބާރުތައް އެއްކޮށްލުމުގެ ވިސްނުންކަމަށެވެ. އެގޮތުން މުޅި މަޖިލީހުގެ ނިޒާމު ތަގައްޔަރުވެފައިވާކަމަށާއި، މިސްރާބު ޖަހާފައި ވަނީ ބާރުތައް އެއްކޮށްލުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.
ވިސްނުން ހުރީ ވެރިކަމާއި މަޖިލިސް ދައުރުގެ މުއްދަތު އިތުރުކުރުމަށްކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބާރު ހަނިކޮށް، މިނިވަން މުއައްސާތައް އުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ޖަހަމުންދާ ރަނގަބީލަކީ ބިރުވެރި ކަމުގެ ރަނގަބީލެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ގާނޫނު އަސާސީއިން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިފައިވާ އެއް ބާބަކީ އަސާސީ ހައްގުތަކުގެ ބާބުކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ދައްކަމުންދާ ވާހަކަތަކުން ފިއްކަނޑައިގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ އަމާޒު ހިފާފައި ހުރީ ލާމަރުކަޒީ ނިޒާމު ކޮށައި މަށައި އުވާލުމަށްކަމަށާއި، ކަތީބު ނިޒާމު އަލުން އަނބުރާ ގެންނަން ޖެހޭކަމަށް މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތަކަކީ ނުރައްކާތެރިކަމުގެ ރަނގަބީލެއްކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓިފައިކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ވިސްނުން އެތެރޭގެ ކޯޅުމަށް ހުއްޓިފައި އޮތުމުންކަމަށާއި، ދެކެވޭ ނުދެކެވޭ ވާހަކަ ނޭގޭ ހިސާބަށް ގޮސްފައިވާކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ވިސްނުން ހުންނަން ޖެހޭނީ ރާއްޖެ ހަމަ މަގަށް އެޅުވުމާ ދީމަލަށް ކަމަށެވެ.
ތަރައްގީ ވަނީ ހުއްޓިފަ. ވިސްނުން ހުއްޓިފައި މިވަނީ އެންމެ ދިމާލަކަށް، އެއީ އެތެރޭގެ ކޯޅުމަށް. އަޅުގަނޑުމެން ޓީވީތައް ބަލާލީމަ މިހާރު ފެންނަމުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް އެތެރޭގެ ކޯޅުން އިންތިހާއަށް ގޮސް، ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ތަން.
ރާއްޖޭގައި މީގެ ކުރިން އޮތީ ހަމައެކަނި ވެރި މީހާގެ ބަހަށް ކަން ހިނގާ ނިޒާމެއްކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، އެމްޑީޕީން އިސް ނަގައިގެން ކުރި ބުރަ މަސައްކަތުން މިހާރު މި އޮތް ގާނޫނުއަސާސީ ގެނެވި އެފަދަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔަކަމަަށެވެ.
ސަރުކާރުގެ އެއްވެސް ގޮތެއް ނެތުމުން، އެކަމުގެ ގެއްލުން ރައްޔިތުންނަށަ ލިބެމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު %43 ދަށްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރިސޯޓުތައް ފަޅުވެ، އޮކިއުޕަންސީ އިންތިހާ އަށް ދަށަށް ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރަށް ނުވަ މަސް ދުވަސް ވާން ދާއިރުގައި ދައުލަތަށް ލިބުނު އެއްވެސް އެހީއެއް ނެތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

