އިންޑިއާގެ ލައިން އޮފް ކްރެޑިޓްއިން 300 މިލިއަން ޑޮލަަރާއި ގާތްކުރާ އަދަދެއް ހައުސިންގްއަށް ހަމަޖެއްސޭނެކަމަށް ގަބޫލުކުރައްވާކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މާލިއްޔާތު ކޮމިޓީގައި މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްވަނީ ފިނޭންސް މިނިސްޓަރު ޑރ ޝަފީގުއާއި ރާއްޖެއިން ނަގާ ލޯނުތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. ލައިން އޮފް ކްރެޑިޓް މެދުވެރިކޮށް މީގެ ކުރިން ގުޅީފަޅުގައި ޕޯޓެއް އެޅުމަށް ނިންމާފައިވީނަމަވެސް މިހާރު އެ މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށްވުމުން އެކަމުން ބާކީވެގެންދާ ފައިސާއިން ސަރުކާރުން ހައުސިންގް މަސައްކަތްތައް ކުރުމަށް ގަސްތުކޮށްފައިވާކަމާއިމެދު ސުވާލުކުރެއްވުމުން މިނިސްޓަރު ޝަފީގުވަނީ ނައިބުރައީސް ވިދާޅުވި ގޮތަށް ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.
މިނިސްޓަރ ޝަފީގު ވިދާޅުވީ، ރައީސް ޑރ މުހައްމްދު މުއިއްޒު ހައުސިންގް މައްސަލަ ހައްލުކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ހައުސިންގް މަަަަސައްކަތްތައް ފަށައި ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތްކުރަމުންދަނީ އެ އަމާޒުގަައިކަމަށެވެ. އެހެންކަމުން ކަމާއި ގުޅުން ހުރި މުއައްސަސާތަކުން މަސައްކަތްކުރަމުންދަނީ މިހާރު ލިބިފައިވާ ކްރެޑިޓް ފެސިލިޓީތަކުން ހައުސިންގްއަށް ޓާގެޓުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނައިބުރައީސް ނާޒިމްވަނީ މިހާރު ހައުސިންގްއަށް ބޭނުންކުރެވޭ ގޮތަށް ލައިން އޮފް ކްރެޑިޓްގައި ފައިސާ ހުރިތޯ ސުވާލު ކުރައްވާފައެވެ. މިނިސްޓަރ ޝަފީގު ވިދާޅުވީ، 300 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް ހައުސިންގްއަށް އިންތިޒާމުކުރެވިދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މިނިސްޓްރީއިންދަނީ އެ މަގު ފަހިކުރުމުގެ ގޮތުން މަސައްކަތްކުރަމުންކަމަށްވެސް ވިދާޅުވިއެވެ.

