ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރު ހަރުކޮށް ނިމޭނެކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގު އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ތާރިގު މިހެން ވިދާޅުވީ ފެނަކައިން ދ. ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށެވެ.
ސްޓެލްކޯ އާއި ފެނަކައިންވެސް މި މަސައްކަތުގައި ބައިވެރިވާނެކަަމަށާއި، މިހާރު އެ ކުންފުނިތަކުން މިކަމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައިި މި މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަމަ އެގޮތަށް ފެނަކައިންވެސް ދެން ހުރި ރަށްތަކުގައި ރޯލް އައުޓް ކޮށްގެން ގޮސް ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ޑިޖިޓަލް ސްމާޓް މީޓަރސް ހަރު ކުރެވިގެން ދާނެ ކަމަށް.
މިއީ ހަކަތައިގެ ދާއިރާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެެއްކަމަށް ފާހަގަކުރައްވާ، މިއީ ހަމައެކަނި ގޭގެގެ ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކޮށްގެން ބޭނުން ކުރާ ކަރަންޓްގެ މިންވަރު ވަގުތު އެނގިގެން ދާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ފެނަކައިން ދޭ ހިދުމަތްތައް ފަސޭހަކަމާއި، ފުރިހަމަ ކަމާއިއެކު ދެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ހަކަތަ އިގްތިސާދު ކުރަން އެހީތެރިވެދޭނެކަމެއްކަމަށެވެ.

