ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފޯނުފުޅުގައި ޑިލީޓު ނުކުރައްވާނަމަ ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދިވަޑައިގެން ފޮނުއްވި ހުރިހާ މެސެއްޖެއް ހުުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގަށް ދެއްވި ހާއްސަ އެކްސްކްލޫސިވްއެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ 2018 ގައި ވެރިކަން ބަދަލުވި ހިސާބުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީނަށް ދަތިކޮށް އުނދަގޫކޮށް، އެކި ކަންކަމުގައި ކޯޓަށް ގެންގޮސް ފުލުހަށް ގެންގޮސް އެ ހުރިހާކަމެއް ކުރި އިރުވެސް ރައީސް ޔާމީންގެ ދިފާއުގައި ހުންނެވި އެކަކުކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުން ނޫން އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އެއްވެސް ކަހަލަ ހިޔާލެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީޕީއެމްގައި ރައީސް ޔާމީން ބޭނުންފުޅުވާނަމަ ދެވަނަ ދައުރެއް ހޯދައިދެއްވުމަށްޓަކައި އިސްދައުރެއް އަދާކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން އަރިހުގައި ވިދާޅުވެފައިވާ ކަމަށާއި އަދި އެ ފުރުސަތު ދެއްވެވި ކަމަށެވެ. ޖަލަށް ގެންދިއުމުންވެސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރި ހުރިހާ މަސައްކަތެއްގައި ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއިއެކު އުޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ފުރަތަމަ ޖަލު ހުކުމުން ސަލާމަތްވީ ދުވަހުގައިވެސް ހީނުކުރާ ކަހަލަ އުފާވެރި އިހުސާސްތަކެއްވީ. އެ އިމޯޝަންގެ ތެރޭގައި އަޅުގަނޑުމެން އެހާ ދުވަހު އުޅެފި. ދެވަނަ ފަހަރު އަނެއްކާވެސް ޖަލަށް ގެންދިޔައީ. ދެން އަޅުގަނޑުމެން މަސައްކަތް ކުރީ އެމަނިކުފާނު މިނިވަން ކުރެވޭނެ ގޮތްތަކެއް ހޯދޭތޯ. އިބާރާހީމް މުހައްމަދު ސޯލިހްގެ ފޯނުގައި ޑިލީޓު ނުކުރައްވަންޏާ ހުންނާނެ އަޅުގަނޑު ފޮނުވި ހުރިހާ މެސެޖެއް. ބެލޭނެކަމެއް ނޭންގެ. މާތު ރަނގަޅު ކަންނޭގެ އިބްރާހިމް މުހައްމަދު ސޯލިހްއާއި ސުވާލުކޮށްލަން އަޅުގަނޑު ފޮނުވި ކިތައް މެސެޖު އެބައޮތްތޯ
ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަރުން ޔާމީން ރޯދައަށް ގެނެސް ދިނުމަށާއި، ދަރިފުޅުގެ އޯލެވެލް ގާތް ވާތީ ހަމައެކަނި އެދުވަސްކޮޅަށް ގެޔަށް ގެނެސްދިނުމަށް އާދޭސްކުރައްވާ ތަކުރާރުކޮށް މެސެޖު ކުރައްވާފައިވާ ކަމަށެވެ. އަދި ބާރު ހުރި އެތައް ވަޒީރަކަށް މެސެޖުކުރައްވާ އޭރު ރައީސްގެ ލެވެލްއިން ވަރަށް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށާއި ޕާޓީ ލެވެލްގައިވެސް ވަރަށް ގިނަ ކަންކަން ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޔާމީން މިނިވަން ކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ކޮށްދިނުމަށްޓަކައި އޭރު ރައީސްގެ ބަސްފުޅު އަޑުއަހާނެ އެންމެން ގާތު އެމަސައްކަތް ކުރެއްވުމަށް ވިދާޅުވެފައިވި ކަމަށެވެ. އަދި ޕާޓީ އޮފީހުގައިވެސް ހުރިހާ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން، އަދި ފައިސާގެ ގޮތުންވެސް ވަރަށް ގިނަ ކަންކަން ކުރެއްވި ކަމަށް ވިދާޅުވިއެވެ.

