ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، 2024 އާއި 2025 ވަނަ އަހަރުގެ ސަބްސިޑީ އޮތީ ފެނަކަ ކުންފުންޏަށް ދޫކޮށް ބޭނުންކޮށްފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އޮތް އެންމެ ބޮޑު ކަންބޮޑުވުކަމަކީ ދަރަނީގެ ހާލަތެވެ. ރާއްޖޭގެ 120 ބިލިއަން ރުފިޔާގެ ދަރަންޏާއި އެކު އެތެރޭގެ ދަރަނި 08 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރެއިން އެންމެ ހާލަތު ގޯސްކޮށް އޮތީ ފެނަކައިގެ އެވެ. އެގޮތުން ކުންފުނީގެ އެތެރޭގެ ދަރަންޏާއި އެކު، ކުރީގެ ވެރިންގެ މައްޗަށް ހިޔާނާތާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ބޮޑެތި ތުހުމަތުތައް ކުރެވެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތުގައި، ކުންފުނިތަކުގެ ރީފޯމް އެޖެންޑާ ވެސް ހިމެނެ އެވެ. އެކަމުގެ ތަފްސީލުތައް ދެއްވައި ޕީއެންސީގެ ބަޖެޓު ސައްލާ ޕްރޮގްރާމްގައި ފިރުޒުލް ވިދާޅުވީ ސަރުކާރުން މިހާރު އަމަލު ކުރަމުން އަންނަ ގޮތަކީ ކޮންމެ އަހަރަކު ވެސް ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ތެލަށްވާ ފައިސާ އަހަރުން އަހަރަށް ދޫކުރަމުން ދިއުން ކަމަށެވެ. އެހެން ނަމަވެސް ދެމެހެއްޓެނިވި ނިޒާމެއް ނެތި، ބިލުތަކަށް ފައިސާ ނުދައްކައި ހުރެ ޕްރޮކިއުމަންޓު ނުބެލެހެއްޓުމުގެ ސަބަބުން ހަރަދުތައް އިންތިހާއަށް ބޮޑުވެގެން ދިޔަކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، 2023 ގެ ސަބްސިޑީއާއި އެކު 2024، އަދި 2025 ގެ ވެސް ސަބްސިޑީ ވަނީ ފެނަކައަށް ދޫކޮށް ބޭނުންކޮށްފަ އެވެ.
2023 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ކޮންމެ އަހަރަކު ފެނަކައަށް ދޭން އޮންނަ ސަބްސިޑީގެ ތެރެއިން 2023 ވަނަ އަހަރުގެ ސަބްސިޑީ ހުސްކޮށް.. 2024 ވަނަ އަހަރު ދޭން އޮތް ސަބްސިޑީ ހުސްކޮށް، 2025 ވަނަ އަހަރު ވެސް ދޭން އޮތް ސަބްސިޑީ އޮތީ ވެސް އޮތީ ފެނަކައަށް ދީ ހުސްކޮށްފަ… އަޅުގަނޑުމެން އަދި މި އަންނަ އަހަރުގެ ބަޖެޓު ފަށަން މިއުޅެނީ… އެކަމަކު މި އަންނަ އަހަރު ދޭން އޮތް ސަބްސިޑީ އޮތީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދީ ބޭނުންކޮށްފައޭ..
ފިރުޒުލް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅައި މަސައްކަތް ދަނީ ކުރިޔަށްކަމަށާއި، އެކަމަކު އޭގެ ދެ އަހަރު ކުރިން ފެނަކަ އޮތީ ސަބްސިޑީ ފައިސާ ބޭނުންކޮށްފައި ކަމަށެވެ.
އެހެންވެ ކުންފުނިތަކަށް ދޭ ފައިސާ އިސްރާފު ކުރުން ހުއްޓުވުމަށް، ސީދާ ރައްޔިތު މީހާއަށް ޖަމާކުރާ ނިޒާމެއް ގާއިމު ކުރެވިގެން ދިއުމުން ނިޒާމީ ގޮތެއްގައި ކުންފުނި ވެސް އިސްލާހު ކުރެވިގެންދާނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.

