އެމްޑީޕީއިން ބަޖެޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އައިސްފައިވަނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝިދު ހުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރަޝީދުވަނީ އެމްޑީޕީއިން 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވާ ގޮތާއިމެދު ސަރުކާރުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި ހއ އިން ފެށިގެން އައްޑޫ އާއި ހިސާބަށްވެސް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތައް ނުހިނގާކަމަށާއި އެމްޑީޕީއިން ޕްރޮޖެކްޓުތައް ހިންގާފައި ހުރި ވާހަކަތައް ނުދައްކާއިރު ސަރުކާރުން ދައްކަމުންދަނީ ބަޖެޓުގައި އެކަންކަން ކުރެވޭ ވަރަށް ފައިސާ ހިމަނާފައިނުވާ ވާހަކަ ކަމަށެވެ.
ރަޝީދު ވިދާޅުވީ، އެމްޑީޕީއިން 2024 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލީ އަބަދުވެސް ބަޖެޓު އެކުލަވާލާ ގޮތަށްކަމަށާއި އެ ޕާޓީގެ ސަރުކާރުން ހަދަނީ ޕްރޮގްރާމް ބަޖެޓެއްކަމަށެވެ. އަދި އެއީ އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތްކުރުމަށް ބަޖެޓުކުރާ ގޮތްކަމަށާއި އެއް އަހަރު ވަކި ވަރަކަށް މަސައްކަތްތައް ގެންދިއުމަށްފަހު އަނެއް އަހަރު ނިންމާ ގޮތަށްކަށެވެ. އޭނާ ވިދާޅުވީ ބަޖެޓު މަސައްކަތްތައް އެގޮތަށް ކުރެވޭނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކު މަސައްކަތްތައް ހިންގަން އެނގުމުންކަމަށާއި އެމްޑީޕީއިން ކޮށްފައިވަނީ އެގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ޕީއެންސީއަށް ބަޖެޓުގައި ރަށެއްގެ ނަންވެސް ޖަހާލަން ނުކެރުނުކަމަށާއި ވަކި ރަށެއްގައި ވަކި މަސައްކަތެއް ކުރާނެކަމަށްވެސް ބަޔާންކޮށްފައި ނެތްކަމަށެވެ. އަދި އެކަން ކުރަން ސަރުކާރަށް ނުކެރުނީކަމަށް ސިފަކުރެއްވިއިރު ރަޝީދުވަނީ މަޖިލީހުގައި ތިން ދައުރު ހަރަކާތްތެރިވިއިރު ބަޖެޓު ދިރާސާ ކޮމިޓީގައި ފަސް އަހަރު ހޭދަކުރެއްވުނުކަންވެސް ފާހަގަކުރައްވާފައެވެ.
އެހެންކަމުން ރަށްތަކުގެ ރައްޔިތުން ދާއިރާ ތަމްސީލުކުރާ މެމްބަރުންނާއި އެންމެ ގިނައިން ސުވާލުކުރަނީ ރަށްތަކުގެ ތަރައްގީއަށް ކަނޑައެޅިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުންކަން ތަޖުރިބާއިން ސާފުވެވަޑައިގަންނަވާކަމަށާއި އެކަންކަން ފުރިހަމަ ނުކުރެވި އޮތުމުން އެ މެމްބަރަކަށް ދާއިރާއަށް ޒިޔާރަތްކޮށް އުޅުމަށްވެސް ދަތިވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކާއިމެދު ވިސްނާނަމަ އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާ މިންވަރަކީ ރައްޔިތުން މިނެކިރާ އެއްޗެއްކަންވެސް ފެނިގެންދާކަމަށެވެ.

