ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ސަރަޙައްދީ ތަރައްޤީގެ އާ ބާބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރެއްވުމަށް، ”ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް“ މިނަމުގައި މިރޭ ބޭއްވި ޚާއްޞަ އިހުތިފާލުގައި ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި މަތީ ފަންތީގެ ޚިދުމަތްތަކާއެކު އަރބަން ރީޖަން ތަޢާރަފުކޮށް، މިހާރު އިޢުލާނުކޮށްފައިވާ ފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7 އާރބަން ސެންޓަރު ތަރައްޤީކުރެވިގެންދާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެންމެންނަށްވެސް އެއް ފެންވަރެއްގެ ރަނގަޅު ޚިދުމަތްތައް ލިބުންކަމަށެވެ. އެހެންނަމަވެސް މި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯއްދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ އާބާދީ އެއްފަސްކުރެވެންދެންވެސް، ހުރިހާ ޚިދުމަތްތަކެއް ހުރިހާ ރަށަކުން ލިބޭނޭ ގޮތް ފަހިކޮށްދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ، އެގޮތުން، އޭޓީއެމް ނެތް ހުރިހާ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފަށައި، ކޮންމެ ރަށަކުން އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމު ފަހިކޮށްދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހުރިހާ އަތޮޅަކަށް އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސަބްސިޑީއާއި އާސަންދަ އަދި އިޖުތިމާޢީ ރައްކާތެރިކަން، ސަލާންޖަހަން ނުޖެހޭ މިންވަރަށް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕްރައިމަރީ ހެލްތުކެއަރ ފުޅާކުރެވިގެންދާނެކަމަށާއި، މޯލްޑިވިއަން އަށް މިހާރު ގެނެސްފައިވާ ވައިޑް ބޮޑީ އެއާކްރާފްޓު ބޭނުންކޮށްގެން ޗައިނާއާއި ޔޫރަޕަށް ސީދާ ދަތުރުތައް ފަށާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިން ބާނާ މަސް ޕްރޮސެސްކޮށް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ފެށި، އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ރާއްޖޭގެ މައި ދޮރާށިކަމުގައިވާ ވެލާނާ އެއަރޕޯޓްގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފެށޭވަރުވާނެކަމަށް ލަފާކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

