ދުނިޔެ އުމުރަށް ވެރިކަމަކީ ތިމާގެ މިލްކެއްކަމަށް ހީފުޅުވުމަށްވުރެ މޮޔަކަމެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރމަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް އެފަދައިން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ޑރ މުޙައްމަދު މުއިއްޒު އަދި މި ސަރުކާރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކޮރަޕްޝަންގެ ތުހުމަތުުތަކަށް ރައްދު ދެއްވައި އަބްދުއްރަޙީމް ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތެއް އޮތްނަމަ ހުށަހަޅަންޖެހޭ މުއައްސަސާތައް އެބަހުރި ކަމަށާއި، އެހެންކަމުން މައްސަލައެއް އޮޮތްނަމަ އެ މުއައްސަސާތަކަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ކޮރަޕްޝަން މައްސަލައެއް މިހާތަނަށް ހުށަހެޅޭކަށް ނޯންނާނެ ކަމަށާއި، ރައީސް ޑރ މުއިއްޒަކީ ކޮރަޕްޝަނާއި ފަސާދައަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އަޅުގަނޑު 100 ޕަސެންޓް ޔަޤީންކަމާއެކު މި ދަންނަވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ކޮރަޕްޝަންގެ މައްސަލައެއް މިހާތަނަށް ހުށަހެޅޭކަށް ނޯންނާނެ، އެމަނިކުފާނަކީ ކޮރަޕްޝަނާއި ފަސާދައަށް ޖާގަ ދެއްވާނެ ބޭފުޅެއް ނޫންކަން އެމަނިކުފާނު ދެނެވަޑައިގަންނަވާ ހުރިހާ އެންމެންނަށްވެސް އެނގިލައްވާނެ
ރައީސް ޔާމީން ހަގީގަތުގައި ބޭނުންފުޅުވަނީ ވެރިކަން ކަމަށާއި، އެފަދަ ވާހަކަތައް ދެއްކެވުމުގެ ފަހަތުގައިވާ ސަބަބަކީވެސް އެއީކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިންވެސް އެކިއެކި ބޭފުޅުން ޤައުމުގެ ވެރިކަން ކުރައްވާފައިވާކަން ފާހަގަ ކުރައްވައި އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީނު އުޅުއްވާ ގޮތަށް އެއްވެސް ބޭފުޅަކު އުޅުއްވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ދުނިޔެ އުމުރަށް ވެރިކަމަކީ ތިމާގެ މިލްކެއްކަމަށް ހީފުޅުވުމަށްވުރެ މޮޔަކަމެއް އަޅުގަނޑަކަށް ހިއެއްނުވޭ އޮންނާނެހެނެއް
އޭގެ އިތުރުން، ރައީސް ޔާމީނު ޖައްސަވަމުން ގެންދަވާ ސިޔާސީ ހިސާބުތައް ދިމާނުވާކަމަށްވެސް އަބްދުއްރަޙީމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިިއެވެ. އެގޮތުން އިލްމީ ގޮތުން ކިތަންމެ މޮޅު ނަމަވެސް، ސިޔާސީ މަސައްކަތަކީ އާންމު ރައްޔިތުުންނާ ގުޅުންހުރެގެން ކުރެވޭކަމެއްކަމަށްވެސް އަބްދުއްރަޙީމް ފާހަގަ ކުރެއްވިއެވެ.
އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި ތިއްބެވި ސިިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ތާއީދު ބޮޑު ބޭފުޅަކީ ރައީސް ޑރ މުއިއްޒެވެ.

