މިހާރުވެސް ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަން ހިންގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ސަރުކާރުން ހަރަދު ކުރި ނަމަވެސް، ކުންފުނިތަކުގެ ހާލަތު ރަނގަޅު ނުވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރު ކުންފުނިތަކަށް 940 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މި ތަންތަނުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައްވެސް އަދިވެސް ނުހުއްޓޭކަމަށް ވިދާޅުވިއެވެ. ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ތަންތަނުގެ ތެރޭގައި ސިއްހީ ދާއިރާ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ކުންފުނިތަކުން ލޭ މަނާ ނުވޭ. ލޭ އަންނަމުންދާ ވަރަށް ބޮޑު ޒަހަމެއް،
ނާޒިމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކެރިވަޑައިގެން މިކަންކަމާއިމެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވިއެވެ. ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޕީސީބީ އުވާލަން ޖެހޭކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ ޕީސީބީގެ މަސައްކަތްތައް، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލު ކުރަން ޖެހޭކަމަށެވެ.

