ބަޔަކަށް އަނިޔާއެއް ދިނުމަށް ހިތްވަރު ދިނުމުގެ އަމަލުތަކާއި، މީހަކަށް ދޭ މަރުގެ އިންޒާރުގެ މައްސަލަތައް ސީރިއަސްކޮށް ނަގައި ތަހުގީގު ކުރަންޖެހޭކަމަށް ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެއްވެސް މިންވަރަކަށް ނެތްކަމަށާއި، ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ ބައެއްގެ މައްސަލަތައް ބަލައި ތަހުގީގު ކުރާކަމަށް އިދިކޮޅުން އަބަދުވެސް ތުހުމަތު ކުރެ އެވެ. އަދި ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓުތަކާއި، އާންމު ޖަލްސާތަކުގައި ދައްކާ ވާހަކައެއްގެ ސަބަބުން ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވަމުން ދަނީ ބިރު ދެއްކުމުގެ ގޮތުންކަމަށް ވަނީ ބުނެފަ އެވެ.
ދާދިފަހުން މިގޮތަށް ފެންމަތިވި ދެ މައްސަލައަކީ އެމްޑީޕީގެ އެކްޓިވިސްޓަކު ސަރުކާރަށް އަމާޒުވާ ގޮތަށް ބަޔަކަށް އަނިޔާއެއް ދިނުމަށް ގޮވާލައި އެކްސްގައި ލިޔުނު ޕޯސްޓާއި ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި އެމްޑީޕީގެ މެމްބަރަކު ސަރުކާރު ހަވަރަށް ދިނުމަށް ގޮވާލައި ދެއްކި ވާހަކަ އެކެވެ.
މި މައްސަލައިގައި ދެ މީހުން ވެސް ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވި އެވެ. މިކަމާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަސަދު ވިދާޅުވީ މި ސަރުކާރުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.
އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން، ސޯޝަލް މީޑިއާގައި ވެސް އަދި އެއްވެސް ޕްލެޓްފޯމެއްގައި މަޖާޒީ ގޮތުން ވެސް.. އެއްވެސް ގޮތަކަށް ވެސް މީހަކަށް އިންޒާރެއް ދެވިގެން ނުވާނެ.. މީހަކަށް އިންޒާރެއް ދެވިގެން ނުވާނެ، މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ، މީހަކަށް އިނިޔާއެއް ދީފާނެފަދަ ވެސް އިންޒާރެއް ދީފައި އިނދެއްޖެއްޔާ އެ މައްސަލައެއް ބަލަންވާނެ.. އެއީ ނޫންތޯ ދައުލަތަކީ.. ދައުލަތެއްގެ ސިފައަކީ.. އަޅުގަނޑު މާދަމާ މާތު މަގުމަތިން ފެނިއްޔެއްޖާ ހޭއަރުވާލާނަމޭ ބުނީމާ ފިޔަވަޅު އެޅެން ޖެހޭނެ.. އެއީ ޑިސިޕްލިންއަކީ..
އަސަދު ވިދާޅުވީ މީހުންނަށް އަނިޔާދީ ފުރައްސާރަ ކުރުމާއި، މަރުގެ އިންޒާރު ދިނުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ހެދީ އެމްޑީޕީކަމަށެވެ. އަދި އެ ސިފަ ރާއްޖެއަށް ގެނެސް، އެއީ ގޯސްކަމެއް ނޫންކަމަށް ދެއްކީ ވެސް އެމްޑީޕީކަމަށް ވިދާޅުވިއެވެ.
މީހުންގެ ޒާތީ ދިރިއުޅުމާއި، ޒާތީ އެތައްކަމަކާއި ގުޅޭގޮތުން ވާހަކަ ދައްކައި ހަމަނުޖެހުން އުފެދޭ ގޮތަށް ދައްކާ ކޮންމެ ވާހަކައަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަންކަމަށް އެމްޑީޕީ ދެކޭކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ ބައެއްގެ މައްސަލައެއް ބެލުމުން އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރެވޭނެކަމެއްގެ ގޮތުގައި ރައްޔިތުންނަށް ނުވަތަ އެ ބަޔަކަށް ވެސް ވިސްނައިދިނުމަށް އެމްޑީޕީ މަސައްކަތް ކުރާކަމަށް އަސަދު ވިދާޅުވި އެވެ.

