ނެޝިނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން އެމްއެމްޕީއާރްސިއިން ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯގައި ރާއްޖެ ޕްރޮމޯޓްކޮށްފިއެވެ.
ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހޮންގްކޮންގްގައެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ފުންނާބުއުސް ބައެއް ކުންފުނިތައް ބައިވެރިވެފައިވެއެވެ. އެގޮތުން ކާޕޭ ޑިއެމް މޯލްޑިވްސް އާއި ވޮޔެޖަސް މޯލްޑިވްސް އަދި މާސެލިއާ މޯލްޑިވްސްގެ އިތުރުން ޑައިވްސްކޭޕް މޯލްޑިވްސް ފަދަ ކުންފުނިތަކުން ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފައިވެއެވެ.
ޑީއާރްޓީޕީގެ ނަމުގައި ހޮންގްކޮންގްގައި ކުރިއަށް ގެންދިޔަ ފަތުރުވެރިކަމާއި ގުޅުންހުރި މި އެކްސްޕޯއަކީ މި ދާއިރާގައި ހަރަކާތްތެރިވާ މުހިންމު އެކި ފަރާތްތަކުން ބައިވެރިވެ ސިނާއަތުގެ ކުރިއެރުވުމުގެ ގޮތުން މުއާމަލާތްތައް ފަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ޑައިން ކުރުމަށާއި ފަތުރުވެރިކަމުގެ އެހެނިހެން ކަންކަމަށް ހަބެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ އިތުރުން ރާއްޖޭގެ ޕްރޮޑަކްޓުތައް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި ސަރުކާރުގެ ފަރާތުން އިސްވެ ހަރަކާތްތެރިވާ ކުންފުނި، އެމްއެމްޕީއާރްސީއިން ބުނެފައިވާގޮތުން މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ޑައިވިންގް މަސައްކަތްތަކާއި ގުޅުންހުރި އަދާއިހަމަ މައުލޫމާތުތައް ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ޝަހުސިއްޔަތުތަކަށް ފޯރުކޮށްދެވިފައިވާކަމަށެވެ.

