ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ދޫކޮށްފައިވަނީ ބޭއިންސާފުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ އެކްސްގައިި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ނަޝީދު ވިދާޅުވީ، ކުރީގައިވެސް ލިސްޓު ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭގޮތަށް ކަމަށެވެ. މިހާރު އަނެއްކާވެސް އެ ބޭއިންސާފަށް އިިތުރު ބޮޅެއް އިތުރުވެގެން ގޮސްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ކުރިއާ ޚިލާފަށް މިފަހަރު މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަން ފަށައި، އެޗްޑީސީގެ ވެރިންވެސް މިހާރު ބަދަލު ކުރައްވާފައިވާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ރަނގަޅު ތަހުގީގެއް ހިންގައި، ކުންފުންޏާ އަލަށް ޙަވާލުވެވަޑައިގެންނެވި މައުރޫފުވެސް ހުރިހާ ކަންކަމެއް އިސްލާޙު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީގެ މަޤާމަށް މައުރޫފް އައްޔަނު ކުުރައްވާފައިވާއިރު، އޭނާއަކީ ނަޒާހަތްތެރި ބޭޭފުޅެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެ މަޤާމުގައި ކުރިން ހުންނެވި ފަޒުލް އިސްތިއުފާދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއްގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ. ނަމަވެސް އިސްތިއުފާގެ ސިޓީގައި ފަޒުލް ވަނީ މިކަންކަމަށް އިންކާރުކޮށްފައެވެ.
ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގުޅުވައި އޭނާއަށް ކުރާ ތުހުމަތުތަކުގައި، އެޗްޑީސީއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ. މި ސަބަބާއި ހުރެ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް މަގާމުން އިސްތިއުފާ ދޭން ނިންމީކަމަށް ފަޒުލް ވިދާޅުވި އެވެ.

