ބުރިޖު އަދި ހައިވޭގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިހުރީ ދުއްވަން އިން މީހާއަށް އުޅަނދު ކޮންޓްރޯލް ނުވާ ބާރު މިނުގައި އެ އުޅަނދެއް ދުއްވާފައި ހުރުމުގެ ސަބަބުން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ސަންގަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވުމާއި މިފަދަ ކަންކަން ފާހަގަކުރެވިފައިވަނީ އެކި ދުވަސްވަރާއި ދިމާކޮށް ކަމަށެވެ. ފުލުހުން ބުނެފައިވަނީ ބުރިޖު އަދި ހައިވޭ އާއްމުކޮށް ބޭނުންކުރައްވާ މީހުން އެތަން ބޭނުންކުރަނީ އާއްމު އުސޫލާއި އެއްގޮތަށް ކަމަށާއި އެހެންނަމަވެސް އެމީހުންގެ ތެރެއިންވެސް މަދު ބަޔަކު ގަވާއިދާ ހިލާފަށް އުޅަނދު ބޭނުންކުރާ ކަމަށެވެ.
ބުރިޖު އަދި ހައިވޭގައި ދުއްވަން ކަނޑައަޅައިފައިވަނީ 25 އާއި 50 ދެމެދު ކަމަށާއި މިހާތަނަށް އެތަނުގައި ހިނގާފައިހުރި ގިނަ ހާދިސާ ތަކަކީ އެމީހަކަށް ވެހިކަލް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ ބުރިޖު އަދި ހައިވޭ ބޭނުންކުރާ ފަރާތްތަކުން 25 އާއި 50 ދެމެދު އުޅަނދު ދުއްވާއިރު މަގުމައްޗަށް ބަހައްޓަންޖެހޭ ސަމާލުކަން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިމަތީގައި އުޅަނދެއް އޮތްނަމަ އެ އުޅަނދަށް ބަރޯސާވެގެން ނުދުއްވުމަށްވެސް ފުލުހުން ވަނީ އިސްތިމާޒް ކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ އެއް ހަމައެއްގައި ދެ އުޅަނދެއްގައި ތިބެ ވާޙަކަ ދައްކަމުން ދިއުމުގެ ސަބަބުން ގަވާއިދުން އަންނަ މީހާވެސް އަނެއް ލޭނަށް އަރަން މަޖުބޫރުވާ ކަމަށާއި އަދި އެހެންކަންކަން ވުމުން ހިނގާ އެކްސިޑެންޓުތައްވެސް މަދު ނޫން ކަމަށް ވަނީ ބުނެފައެވެ.
ބުރިޖަށް އަަރަންދާއިރު ބަަލަންޖެހޭ މުހިންމު ކަންކަން ހުންނަ ކަމަށާއި އޭގެތެރޭގައި ސައިކަލުގައި ޕެޓްރޯލް ހުރިތޯ ރަނގަޅަށް ޗެކު ކުރަން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވަރަށް ގިނަ ފަހަރަށް ސައިކަލު ބުރިޖުގެ މެދަށް ހުއްޓޭފަހަރުތައް އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބުރިޖަށް އަރާ މީހާ އަޅައިގެން އިންނަ ހެލްމެޓަކީ ގަވާއިދުގައި ބުނާ ސްޓޭންޑާރޑްގެ ގަވާއިދުގެ ބުނާ ވައްތަރުގެ ހެލްމެޓަކަށް ވާންޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ދަތުރަށް ތައްޔާރުވާއިރު ރަނގަޅަށް އެކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށާއި ބަލަން ޖެހޭ ކަމެއް ހުރިނަމަ އެކަންކަން ބަލާ ޗެކުކޮށްފައި ނޫންގޮތަކަށް އުޅަނދު ދުއްވައިފިނަމަ ހިތާމަވެރި ހާދިސާތައް ދިމާވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

