މެލޭޝިޔާ އާއި ރަޝިޔާއިން ރާއްޖެއަށް ކޮންސުލް ޖެނެރަލެއް އައްޔަނުކޮށްފިއެވެ.
މީގެތެރެއިން ރަޝިޔާއިން ރާއްޖެއަށް ކޮންސުލް ޖެނެރަލެއް އައްޔަނުކުރި މިއީ ފުރަތަމަ ފަހަރެވެ. ރަޝިއާ ސަރުކާރުން އެ މަގާމަށް އައްޔަން ކުރީ އަލެކްސީ އެމް އިޑަމްކިންއެވެ. އަދި މެލޭޝިއާއިން އައްޔަނުކޮށްފައިވަނީ ރާގެބް އަހުމަދު ޙަލަފް އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލެކްސީ އާއި ރާގެބް ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައިފައެވެ. އޭގެކުރިން، ދެ ބޭފުޅުންވެސް ވަނީ މަގާމުގެ ފަތްކޮޅު ފޮރިން މިނިސްޓަރު ހަލީލަށް އަރުވައިފައެވެ.
ރަޝިއާ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކޮންސުލް ޖެނެރަލެއް އައްޔަން ކުރުމަކީ ތާރީހީ ކަމެއް ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
ހަލީލް ފާހަގަ ކުރެއްވި ގޮތުގައި ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވަނައަށް އެންމެ ބޮޑު މާކެޓެވެ. އެހެންކަމުން އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި ކޮންސުލް ޖެނެރަލްގެ ދައުރު ވަރަށް މުހިންމު ކަމަށް ހަލީލް ވިދާޅުވިއެވެ.
ރަޝިއާ އިން ރާއްޖެއަށް ފަތުރުވެރިންގެ އަދަދު ވަނީ 200،000 އަށް އަރައިފައެވެ.

