ނ ހޮޅުދޫއިން މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދޮށީ ދަރިފުޅު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނޟ މި މަރުގެ މައްސަލައިގައި ބުރާސްފަތި ދުވަހު ހެނދުނު އެ ރަށުގައި ހިނގި މާރާމާރީއެއްގަައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ނިއު ލައިފް، މޫސާ ރިމްޒީ، 30 ހައްޔަރު ކޮށްފައިވާ ކަމަށެވެ. ރިމްޒީއަކީ ޒަކިއްޔާގެ ދޮށީ ދަރިފުޅެވެ.
ކޯޓު އަމުރުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގިކަމަށެވެ. އެހެންވެ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ވެދާނެކަމަށް ފެންނާތީ އާއި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ވެއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ސެޕްޓެމްބަރު 10 ގައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު، ޒަހަމްތަކެއް ހުރިއެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން ދިޔަ މުނިސިޕަލް މުވައްޒަފުންނަށެވެ. ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް ޒަކިއްޔާ ވެއްޓިފައި އޮތްކަމަށް ރަށު މީހުން ބުނެއެވެ. އަދި މަސް ކަނޑަން ގެންގުޅޭ ކަހަލަ ބޮޑު ވަޅިއެއް ކައިރީގައި އޮތްކަމަށް ބުނެއެވެ. ކަރުގައި ވަރަށް ބޮޑަށް ވަޅިއަޅާފައިވާކަމުގެ ނިޝާންތަކެއް ހުރިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ހަމަ މިއާއި ދާދި އެއްފަދަ ހާދިސާއެއް މިދިޔަ އަހަރުގެ ތެރޭގައި ނ އަތޮޅުގެ މަނަދޫގައިވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.
ނައީމާ މޫސާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. ނައީމާ ފެނުނީ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރުއެވެ.
ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފައެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ. އަދި މި މައްސަލަ ވަކި ގޮތަކަށް ނިމިފައި ނުވާކަން ފާހަގަކުރެވެއެވެ.

