ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް އައި ބޭރުގެ ޓީމުން ފުރައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ.
އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައެވެ.
މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޙާދިސާގެ ތަހުގީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެކަމަށް ސީޕީ އެންމެ ފުރަތަމަ ހާމަކުރެއްވީ ހާދިސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އަދި ރައްޔިތުންނަށް މިކަންކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަޙައްދުގައި މަސައްކަތްކޮށްފައިވާއިރު، ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކޮށްފައިވެއެވެ.
އޭގެ އިތުރުން، ޙާދިސާގެ މަންޒަރު އެންމެ ފުރަތަމަ ދުއް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި އެވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން، އިތުރު މީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ.
މި މަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:30 ހާއިރު އެންމެ ފުރަތަމަ ރިޕޯޓު ކުރީ ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެފައިވާކަމަށެވެ. އޭގެ ފަހުން އެ އަލިފާންގަނޑު ވަރަށް ބޮޑަށް ފަތުރި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވައިރޮމެންޓް މިނިސްޓްރީގެ ބްލޮކުގައި ވެސް ރޯވީއެވެ.
މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ހަތަރު ގަޑިއިރު ހޭދަވީއިރު، ރޯވުމަށް މެދުވެރިވި ސަބަބެއް އަދިވެސް ސާފެއް ނޫނެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ބޮޑުބައެއްގައި ލަކުޑިއާއި، ޓިނު ބޭނުންކޮށްފައި ވެއެވެ. އަދި ޑެގު އަޅައި ފްލޯތައް ނަގާފައި ހުރިއިރު އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ފެތުރުގެން ދިޔައީ އެ ސަބަބާއި ހުރެކަމަށް ބެލެވެ އެވެ.
މި އިމާރާތަކީ 2008 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް ވަގުތީ ގޮތުން އެޅި އިމާރާތެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަލިފާނުގެ ޙާދިސާއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް އެދިފައެވެ.

