ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ އްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. މިއީ ރައީސުލާޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު ނަފުސާނީ އެކި ކަހަލަ ކަންކަން ކުރިމަތިވަމުންދާ މިންވަރު ވަރަށް ގިނަކަމަށެވެ.
އެފަދަ މީހުންނަށް ފަރުވާ އާއި އެހީތެރިކަމާއި ސްޕީޗް ތެރަޕީގެ ހިދުމަތް މިހާރު ލިބެނީ ހަމައެކަނި މާލެއިންނާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ހިދުމަތް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފައްޓަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދަނީ ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން ހޯދުމުގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައްޔިތުންގެ ވަރަށް ބޮޑު ޑިމާންޑެއް މިކަމަށް އެބައޮތް ވިދާޅުވިއެވެ.

