އއ. ތޮއްޑޫގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓު ލިބި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ރަށުގައި މަސައްކަތް ކުރާ ތައިލެންޑުގެ އަންހެނަކަށް އޭނާގެ ސްޕޮންސަރ އަނިޔާކުރިކަމުގެ ރިޕޯޓެއް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ ދުވަހުގެ އިރުއޮއްސުނުހާއިރު، ލިބުނު އެ ރިޕޯޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ތޮއްޑޫގައި ބިދޭސީ އަންހެނަކަށް އަނިޔާ ކުރިކަމަށް ފުލުހުން ބުނީ، އެ ރަށުގައި ތައިލެންޑުގެ މީހަކަށް ޖިންސީ ގޯނާކުރިކަމުގެ ވާހަކައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް އެކި އަނިޔާތައްކޮށްގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.

