ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުކުރެވޭ ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، އެމީހުން ހައްޔަރު ކޮށްފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 02 އަންހެނަކު މިހާރު ވަނީ ޑީޕޯޓުވެސް ކޮށްލާފައެވެ. އަދި ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.
އިމިގްރޭޝަން ވޮޗްއަށް ގިނަ އަދަދެއްގެ ރިޕޯޓުތައް ލިބެމުންދާކަމަށާއި، ބައެއް ރިޕޯޓުތަކަކީ އިމިގްރޭޝަންގެ ސަމާލުކަމަށް އެތަނެއް އައިސްފައިވާތީ ގާތުން ބަލަމުން ދާ ތަންތަން ކަމަށް އެ އިދާރައިން ވަނީ ބުނެފައެވެ.

