ޗައިނާގައި ނޭވަލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް ގިނަވަމުންދާ ކަމަށާއި، އެކަން އެޗްޕީއޭއިން ދަނީ މޮނިޓަރ ކުރަމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިދުވަސްވަރު ޗައިނާގައި ނޭވަލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް ގިނަވަމުންދާ ކަމަށާއި، އިމަރޖެންސީ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން، ޗައިނާ ސީ.ޑީ.ސީއާއި ހަވާލާ ދެއްވާ މައުލޫމާތު ދެއްވާ ގޮތުގައި ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރ 2 ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.
ފިނި މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ޤައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ކަމަށް ހެލްތުން ވަނީ ބުނެފައެވެ.
މިހާލަތާއި ގުޅިގެން ޗައިނާއިން އިމަރޖެންސީއެއް އިއުލާނުކޮށްފައި ނުވާކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށާއި މީގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާއާއި، މީގެ އިތުރުން އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެޗް.ޕީ.އޭ އިން މިހާލަތު ދަނީ މޮނިޓަރ ކުރަމުން ކަމަށް ވަނީ ބުނެފައެވެ.
އެކި ސަރަހައްދުތަކަށް ގޮސް އެނބުރި އައުމާއި އަދި އުމްރާއިން މީހުން އައުމާއި ގުޅިގެން ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު މިނިސްތްރީން ވަނީ ބުނެފައެވެ. އެހެންކަމުން ބައެއް ކަންކަމަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާޒް ކޮށްފައެވެ.
އޭގެތެރޭގައި:
- ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން
- ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
- އެހެންނަމަވެސް ބަލިޖެހިގެން ބޮޑުވަރު ވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން މުހިއްމެވެ.
މީގެ އިތުރުން، މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް މިދުވަސްވަރު ރާއްޖޭގައިވެސް އިތުރުވެދާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

