އާސަންދަ ސްކީމްގެ ދަށުން ބޭސް ލިބުމުގައި ހުރި ކަންބޮޑުވުންތައް ރިޕޯޓްކުރުމަށް އާސަންދައިން އެދިފިއެވެ.
އާސަންދަ ކުންފުނިން އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ބޭސް ނަގާއިރު، އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެނަމަ ނުވަތަ ބޭހެއް ނުލިބިއްޖެނަމަ އާސަންދަ ޝިކާވަތި ޗެޓްލައިން 7951400 އަށް ވައިބަރ މެދުވެރިކޮށް ރިޕޯޓް ކުރުމަށެވެ.
އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ރިޕޯޓް ކުރާއިރު ބޭސް ފިހާރައިގެ ނަމާއެކު ބޭސް ސިޓީ އާއި ބޭހުގެ ރަސީދުވެސް ފޮނުވުމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 6 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި އާސަންދައިން ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ބޭސް ކަވަރުކުރުން މެދުކަނޑާނުލާނެކަމަށެވެ. ކުރިން ދެމުން އައި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭހުގެ ޚިދުމަތް މިހާރުވެސް ދެމުންދާ ކަމަށެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ކަވަރކުރާ ބޭސްތަކުގެ ތަފްސީލު އާސަންދަ ވެބްސައިޓުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.
އާސަންދަ ސްކީމުން ކަވަރު ނުކުރާ ޚިދުމަތަކާ ގުޅިގެން ދޭ ބޭހެއްނަމަ، ބޭސް ސިޓީގައި ”ނޮޓް ކަވަރޑް“ ލިޔެފައި އޮންނާނެކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އާސަންދައިގެ ދަށުން ލިބޭ ބޭހެއް، ސްކީމުގެ ދަށުން ޚިދުމަތްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ އެކަން ”ޝިކާވަތި“ ޗެޓްލައިން މެދުވެރިކޮށް ރިޕޯޓުކުރުމަށް އާސަންދައިންވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމުގެ މަޤްޞަދުގައި، އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމާފައެވެ.

