ދައުލަތުގެ ބަޖެޓު 15 ބިލިއަން ރުފިޔާއިން ޑެފިސިޓްވިއިރު އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށްޓަކައި ހިންގުނު ލޮލަށް ފެންނަ ތަރައްގީއެއް ނެތްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
2024 ވަނަ އަހަރު ނިމުނު އިރު ގިނަ ބަޔަކު ސަރުކާރަށް ކުރާ ތުހުމަތަކީ، ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެގެން ދިޔައިރު ރަނގަޅު މަޝްރޫއުއެއް ފެށިފައި ނުވުމެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ނިންމި ފިޔަވަޅުތައް ތަންފީޒު ނުކުރެވޭތީ އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަކަމަށް އިދިކޮޅުން ބުނެއެވެ. އެކަމަށް ސަރުކާރުން ރައްދުގައި ބުނެފައި ވަނީ، ސަރުކާރަށް އެންމެ ބޮޑު ދައްޗެއް ދިމާވެފައި ވަނީ ބަޖެޓުގެ ތާށިކަމެއް ހުރުމުން ކަމަށެވެ.
ހަރަދުތައް އިތުރުވާކަމަށް ބުނެ، އަމީރު ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެފައި ވަނީ ދަރަނި ނުނަގައި ހަރަދު ކުޑަކޮށް ދައުލަތް ހިންގުމަށް ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު އެއީ ރާއްޖޭގެ ތާރީހު ވެސް ދުށް އެންމެ ޑެފިސިޓް ބޮޑު އެއް އަހަރު ކަމަށެވެ. އަދި ވިދާޅުވީ ޑިސެމްބަރު މަހުގެ ފަހު ހަފްތާއާއި ހަމައަށް 14.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވިއިރު އަހަރު ނިމޭއިރު އެ އަދަދު ހުންނާނެކަމަށް ބެލެވެނީ 15 ބިލިއަން ރުފިޔާގައިކަމަށެވެ.
އަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދިމާނުވާފަދަ ބޮޑު އިގްތިސާދީ، އަދި ސިއްހީ ބަލިމަޑުކަމެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީ 65 އިންސައްތަ ދަށްވެގެން ދިޔައިރު ވެސް ދިމާނުވާ ހާލަތެއްކަމަށެވެ. އަދި ވިދާޅުވީ ކޮވިޑު-19 އާއި އެކު ދިމާވި ގޮންޖެހުންތަކުން އަރައިގަނެވި ކޮންމެ އަހަރަކު ކުޑަވަމުން ދިޔަ ޑެފިސިޓް އައު ސަރުކާރާއި އެކު އަނެއްކާ ވެސް ފަހަތަށް ޖައްސާލާފައިވާކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގައި ފަށާފައި ހުރި ގިނަ ޕްރޮޖެކްޓުތައް މި ސަރުކާރުން ހުއްޓާލިކަމަށް ތަކުރާރު ކުރައްވައި އަމީރު ވިދާޅުވީ، ކުންފުނިތައް ބަނގުރޫޓުވެ ބިލުތަކަށް ވެސް ފައިސާ ނުދެއްކޭކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ނުބެލެހެއްޓުމުގެ ސަބަބުން، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން އާސަންދައާއި އެންސްޕާ މެދުކެނޑިފައިވާކަމަށެވެ.
”ކަންބޮޑުވާންޖެހޭ ކަމަކީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާއި ހަމަޔަށް ކުރިޔަށް ދިޔަ ހުރިހާ ޕްރޮޖެކްޓްތަކެއް ހުރީ ހުއްޓިފަ، ބިލްތަކަށް ފައިސާ ނުދޭތީ ހުރިހާ ކުންފުނިތަކެއް ދަނީ ބަނގުރޫޓްވަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުރީ ހުއްޓިފަ، މަސްވެރިކަން ހުއްޓިފަ، އާސަންދަ އަދި އެންސްޕާ ނުލިބޭ. ތަކެތީގެ އަގުތައް ދަނީ އިންތިހާއަށް މަތިވަމުން. ނަމަވެސް ދަރަނި އަދާ ކުރުމަށް ކުރި ޚަރަދު ހުރީ މިދިޔަ އަހަރާއި އަޅާބަލާއިރު ދާދި އެއްވަރަކަށް. އޭގެ އިތުރުން ދައުލަތަށް ލިބުނު ރުފިޔާ އަދި ޑޮލަރު އާމްދަނީވެސް މި ދިޔަ އަހަރުތަކާއި އަޅާބާލާއިރު އިތުރުވެއްޖެ…“ އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މިއަދު ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ދައުލަތުގެ ދަރަނި އަދާ ކުރުމުގައި ވެސް ގޮންޖެހުންތައް ދިމާވެފައިވާކަމަށެވެ. އެކަމަކު ދަރަނި އަދާ ކުރި މިންވަރު ހުރީ އެމްޑީޕީ ސަރުކާރުގެ އަދަދުތަކާއި އެއްވަރަކަށްކަމުގައި ވިދާޅުވި އެވެ. ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ މަހުން މަހަށް އިތުރުވަމުން ދިޔައިރު މިހާލަތަށް ދާން ޖެހޭ ސަބަބާއި މެދު އަމީރު ސުވާލު އުފެއްދެވި އެވެ.
މީގެއިތުރުން އަމީރު ވަނީ، ދައުލަތުގެ ބަޖެޓު 15 ބިލިއަން ރުފިޔާއިން ޑެފިސިޓްވިއިރު އެއް އަހަރުގެ ތެރޭގައި ރައްޔިތުންނަށްޓަކައި ހިންގުނު ލޮލަށް ފެންނަ ތަރައްގީއެއް ނެތްކަމަށް ވެސް ވިދާޅުވެފަ އެވެ.
ސަރުކާރުން ޕްރޮޖެކްޓުތައް ކުރިޔަށް ނުގެންދާ މައްސަލައިގައި ދެއްވި ރައްދުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި އަހަރު ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ވެސް ތަރައްގީގެ ޕްރޮޖެކްޓުތައް އެންމެ ގިނަ އަދަދަކަށް ހިނގާނެ އަހަރަށް ކަމަށެވެ. އަދި މި ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ބަޖެޓާއި އެކު މެނިފެސްޓޯ ތަންފީޒު ކުރެވި ވައުދުތައް ފުއްދޭނެކަމަށް ވިދާޅުވި އެވެ.

