ކުރިއަށް އޮތް އަހަރަކީ މެނިފެސްޓޯގައިހުރި ކަންކަމާއި އަދި ޕޯޑިއަމްތަކުގައި ވެވަޑައިގެން ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ އަހަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ވާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހުރިހާ އަތޮޅުތަކެއްގެ ކައުންސިލްތަކާއި، ރަށު އަދި ސިޓީ ކައުންސިލްތަކާއި ބައްދަލުކޮށް، ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެހެންނަމަވެސް ކޮންމެ ރަށަކަށްވެސް ދާން ވައުދުވެ ވަޑައިގެންފައިވާކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ރަށަކަށްވެސް ދަތުރުކުރުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ވީހާވެސް އަވަހަށް ތަންފީޒު ކުރެއްވުން ކަމަށެވެ.
މިއަހަރަކީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތުގެ އަހަރު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި އަހަރުގެ މިދިޔަ ހަ ދުވަހުގެ ތެރޭގައި ވެސް ފެނިގެންދާނީ ރައްޔިތުންނަށް އެ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ.
”މިރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގައިވެސް މިއަހަރުގެ ތެރޭގައި ކުލަ ޖައްސައިދޭނަން. ބައިވަރު ކަންކަން އެބަހުރި. ކައުންސިލްގެ ރައީސް ފާހަގަކޮށްދެއްވި ކަންތައްތައް. އިއްޒަތްތެރި މެމްބަރު ފާހަގަކޮށްދެއްވި ކަންތައްތައް. މިހެންގޮސް ބައިވަރު ކަންތައްތައް. އެހެންވީމާ އެކަންކަމަށް ސަމާލުކަން ދީގެން މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް ކަންތައްތައް ފަށައިގެން ގެންދާނެ ކަން އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީން ކަމަކީ“
ރައީސް ވިދާޅުވީ ސްކޫލަކީ ވާދޫއަށް ހާއްސަ ތަނެއް ކަމަށާއި، ވާދޫއަކީ ތައުލީމީ ރަށެއް ކަމަށެވެ. ފަހުރުވެރި މާޒީއެއް އޮތް، ވާދޫ ދަންނަ ކަލޭގެފާނުގެ ރަށް ކަމަށާއި އެހެންކަމުން އެ ރަށަށް ސަރުކާރުތަކުން ތައުލީމީ ދާއިރާ ކުރިއަރުވަން ހާއްސަ އަހަންމިއްޔަތުކަމެއް ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވާދޫގެ ސްކޫލަށް އިތުރުކުރަންޖެހޭ މަލްޓި ޕާޕަސް ހޯލް، އަދި ކްލާސް ރޫމްތައް އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮންމެ ރަށެއްގައިވެސް ބޭނުންވާ މަގުތައް ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ވާދޫގެ މަގުތައްވެސް ރަނގަޅު ހާލަތަކަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި އޭގެ އިތުރަށް ސިއްހީ ހިދުމަތްތައް ފުޅާކޮށްދެއްވުމާއި، ރަށަށް ބޭނުންވާ އިގްތިސާދީ މަންފާ ހޯދައިދެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

