މަސްވެރިނަށް ސަރުކާރުން ފައިސާ ދެމުންދަނީ ބާނާ މަސްކޮޅު ގަތުމަށް ފަހުކަމަށާއި، އެ ފައިސާތައް ދޫކުރަމުންދަނީ ގޭގައި ތިއްބާ ނޫންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ނާޒިލް ވަނީ ފިޝަރީޒް މިނިސްޓްރީއިން މަސްވެރިންނަށް ދޫކުރާ ފައިސާގެ އަދަދުތައް ހާމަކުރަމުންދާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިސާތައް ދޫކުރަމުންދާކަމުގެ މައުލޫމާތުތައް އާންމުކުރަމުންދާއިރު، އެއީ މަސްވެރިން ގޭގައި ތިއްބާ ދޫކުރާ ފައިސާހެން ސިފަވެގެންދާކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ މަސްވެރިން ބުރަ މަސައްކަތްތަކެއް ކޮށްގެން ބާނާ މަސް ދައުލަތަށް ގަތުމަށްފަހު ދޫކުރާ ފައިސާކަން އޭނާ ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، މައުލޫމާތު ދެމުންދާގޮތުން މަސްވެރިން ގޭގައި ތިއްބާ އެތައް މިލިއަން ރުފިޔާއެއް ދޫކުރަމުންދާކަމަށް އާންމު ރައްޔިތުންނަށް ހީވެގެންދާނެކަމަށެވެ. އަދި އެ ވާހަކަތައް ދައްކަމުންދަނީ އާންމުނަށް އޮޅިގެންދާ ގޮތަކަށްކަމަށެވެ. އޭނާ ވިދާޅުވީ، ބާނާ މަސް ގަތުމަށްފަހު އެ ފައިސާ ދޫކުރާ ވާހަކަ މާ ބޮޑު ކަމެއްގެ ގޮތުގައި ހަދައިގެން ދައްކަމުންދާކަމަށާއި ކޮންމެ ދުވަހަކުވެސް ފިޝަރީޒް މިނިސްޓްރީއިން ސޯޝަލްމީޑިއާގައި އެ މައުލޫމާތު އާންމުކުރަމުންދާކަމަށެވެ.
ނާޒިލް ވިދާޅުވީ، ޔޫރޯ ސްޓޯރަށް ވަދެ އެތަނުން މުދާތަކެއް ގަތުމަށްފަހު އެތަނަށް ފައިސާ ދައްކާކަމަށެވެ. ނަމަވެސް މުދާތަކެއް ނުހޯދާ ފައިސާ ދީފައި އަންނަނީ ނޫންކަމަށާއި މި ސަރުކާރާއި އެއްވަރަށް އޮޅުވާލުމަށް މޮޅު ބައެއް ނެތްކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދޮގުތަކެއް ހަދައި އޮޅުވާލަން ފަސް ނުޖެހޭކަމަށާއި މިފަހުން މަސްކިރޭނެ ގޮތެއް ނެތްކަމުގެ މައުލޫމާތު އޮޑިވެރިއެއްގެ ފަރާތުން ލިބިފައިވާކަމަށެވެ.
މީގެއިތުރުން ނާޒިލް ވިދާޅުވީ، ގދ. ގައި މަސްކިރޭނެ ބޯޓެއް ނެތްކަމަށް އެ ފަރާތުން ހިއްސާކުރިކަމަށާއި ކޫއްޑޫއަށް ގުޅުމުން އެ ބަނދަރުގައި ގދއަށް ދިއުމަށްޓަކައި އޮޑިތަކަށް އަޅަން ތެޔޮ ނެތްކަމަށް ބުނެފައިވާކަމަށް އޮޑިވެރިޔާގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންނެވިކަމަށެވެ. ނާޒިލް ވިދާޅުވީ، މަސްނުކިރޭނަމަ ފައިސާ ދޭން ނުޖެހޭނެކަމަށާއި އެހެންކަމުން ދެ ދުވަސްތެރޭގައި ދޭންޖެހޭ ފައިސާއެއްވެސް ނުހުންނާނެކަމަށެވެ. އަދި ސަރުކާރުންދަނީ އެގޮތުގެ މަތިން އަމަލުކުރަމުންކަމަށް ތުހުމަތުކުރެއްވިއެވެ.

