ސަރުކާރުން ދޮގުތައް ހަދަމުންދާ ވާހަކަ ދައްކަން އެމްޑީޕީއަށް ހަތަރު އަހަރު ދުވަހު ނުތިބެވޭނެކަމަށާއި އެހެންކަމުން ކަންކަން ބަދަލުކޮށް ދޮގުތައް ހުއްޓުވަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ސަރުކާރުން ބޮޑެތި ޕްރޮޖެކްޓުތަކުން ހީލަތްތެރި ގޮތްތައް މެދުވެރިކޮށް ނާޖާއިޒް ގޮތުގައި މާލީ މަންފާތައް ނަގާކަން އާންމުކޮށް ފެންނަން އެބަ އޮތްކަމަށެވެ.
އޭނާ ވިދާޅުވީ، މިކަންކަމާއިމެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނެވުމަށް އެދޭކަމަށާއި ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން އިސްތިގުބާލުކުރުމަށް ނުނުކުތުމަށް ގޮވާލާކަމަށެވެ. މައުރޫފް ވިދާޅުވީ، ޓީވީއަކުން ސަރުކާރުގެ އިސް ބޭފުޅުން ވާހަކަދައްކަވާ މަންޒަރު ފެނި އަޑުއިވިގެންދާނަމަ އެ ޓީވީއެއްވެސް ނިއްވާލަން ޖެހޭކަމަށެވެ. ރައީސް އިތުރުފުޅު ހައްދަވަމުންދަނީ އަޑުއަހާނަމަ އެކަމެއް ގަބޫލުކުރެވޭހާ ފަރިތަކޮށްކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް އިތުރުފުޅުތައް އަޑުއެހުމުން އެއީ ހަމަ ވަރަށް ބޮޑު ތެދެއްކަމަށް އަޑުއަހާލާ ކޮންމެ މީހަކަށްވެސް ހީވެގެންދާނެކަމަށާއި ކަރަންޓު ބިލު ސުމަކަށް މިހާރު ޖައްސާލާފައިވާކަމަށެވެ. މައުރޫފް ވިދާޅުވީ، ރައީސް އެ ވާހަކަތައް ދައްކަވަމުން ދަނީ ވަރަށް ބާރުލާފައި ހަރުއަޑުންކަމަށާއި އަޑުއަހާ ކޮންމެ މީހަކުވެސް ދެކޮޅު ނުބަލާނަމަ ނުވަތަ ނުވިސްނާމަ އެއީ ތެދެއްކަމަށް ގަބޫލުވެސް ކުރާނެކަމަށެވެ.
މައުރޫފް ވިދާޅުވީ، މިކަމުން ދިވެހި ރައްޔިތުން ސަލާމަތްވާންޖެހޭކަމަށާއި އަދި ހަތަރު އަހަރު ދުވަސް ބާކީ އޮތްކަމަށެވެ. އޭނާ ވިދާޅުވީ، ހުސް ދޮގު ހަދަމުންދަނީކަމަށް ބުނެ އެމްޑީޕީއަށް އެ ވާހަކަތައް ދައްކަން ހަތަރު އަހަރު ދުވަހު ނުތިބެވޭނެކަމަށާއި މުޒާހަރާވެސް ކުރެވިދާނެކަން ފާހަގަކުރެއްވިއިރު ކަންކަން ބަދަލުވެގެން އައުން މުހިންމުކަން ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދޮގުތައް ހެދުން ހުއްޓުވެންޖެހޭކަމަށާއި ގައުމެއްގެ ހަޔާތުގައި މިވަރަށް އިތުރުފުޅު ހައްދަވާ ވެރިއަކު ވަޑައިގަތުމުން މިއީ ކޮރު އިބިލީސް އެންމެ އުފާވާނެ ދުވަސްކަމަށެވެ.
އެހެންކަމުން އެ ހާލަތަށް ގައުމު ދާން ދޫކޮށްލައިގެން ނުވާނެކަމަށާއި މިއީ ހަމައެކަނި އެމްޑީޕީގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެއް ނޫންކަމަށެވެ. މައުރޫފް ވިދާޅުވީ، ކުރައްވަމުންދަނީ ރައްޔިތުންގެ މަސައްކަތްތަކެއްކަމަށާއި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ރައީސް އިތުރުފުޅު ހައްދަވާ ވާހަކަތައް ދައްކަވާކަމަށެވެ.

