އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި ނައިބްރައީސް ކަމުގެ މަޤާމަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ ދަފްތަރު. ނަންބަރު ރސ 1548، އަލްފާޟިލް މުޙައްމަދު ޒާހިދުއެވެ.
އަދި އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ ކ.ހުރާ، ރޯޒް އަލްފާޟިލް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ.
މި ދެބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުވަހުއެވެ.
އީސީގެ ދެ މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
މަޖިލީހުގައި މި މަސައްކަތް ކުރިއަށް ދިޔައިރު، އެ ދެބޭފުޅުން އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

