މި ފެށޭ ރަމަޟާން މަހަށްވާ ތައްޔާރީތަކުގެ ތެރެއިން، ގޭބިސީތަކަށް ބޭނުންވާނެ ބައެއް ކާބޯތަކެތީގެ ބާވަތްތައް ބާޒާރަށް އެސްޓީއޯއިން ނެރެފިއެވެ.
ރަމަޟާން މަހަށް ހާއްސަކޮށް އެސްޓީއޯއިން އިމްޕޯޓު ކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ.
މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑު އިތުރުވާ މޫސުމަކަށް ވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެއެވެ. އަދި އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާގުޅިގެން އެސަރަހައްދެެްގައި ވިއްކާއަގައް ބަދަލު ގެނެވޭނެކަމަށް މައުލޫމާތު ދިނެވެ. އާންމު ހާލަތުގައި ހުރިހާ އެސްޓީއޯގެ ރީޖަނަލް ސަރަހައްދަކުނެވެސް ލިބެން ހުންނާނީ އެއް އަގެއްގައެވެ.
އެސްޓީއޯއިން އާންމުކުރި މައުލޫމާތުތަކުގައި ވާގޮތުން ބިސް ކޭހެއް ވިއްކަން ހަމަޖެހިފައި ވަނީ 320 ރުފިޔާއަށެވެ. އަދި އަލުވީގެ ބަސްތާއެއް ވިއްކަން ހަމަޖެހިފައި ވަނީ 310 ރުފިޔާއަށެވެ. މި ދެ ބާވަތްވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ، ޕީޕަލްސް ޗޮއިސްއިން 2 ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ގަނެވެން ހުންނާނެކަމަށެވެވެ.
އެސްޓީއޯއިން ފިޔާ ބަސްތާއެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއަހައުސްއިން ފިޔާ ހޯލްސޭލްކޮށް ލިބެން ހުންނާނެއެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 14 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ބާޒާރަށް ނެރެފައިވާ ތާޒާ ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ ކޭހެއް (5 ކިލޯގެ) 145 ރުފިޔާގެ ރޭޓުންނެވެ.
ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ޤާއިމުކޮށްފައިވާ އެސްޓީއޯ ވެއަރހައުސްއިން ލިބެންހުންނާނެއެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

