އެއް އަންހެނެއްގެ 3 ފިރިން ތިބި މައްސަލައެއް ފާހަގަވެފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން އެހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ހިތާމަކުރަން ޖެހޭ ފަދަ ޙާލަތްތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެއް އަންހެނެއްގެ 3 ފިރިން އެބަތިބި ކަމަށާއި، އެއީ ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އެކަން ހިނގާދިޔަ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމަށްފަހު، އެ ކައިވެނި ރަޖިސްޓްރީނުކޮށް ހުއްޓައި ކައިވެނި ނިމުމަކަށް އައީއެވެ.
އެހިސާބުން އަނެއްކާވެސް އިތުރު ކައިވެނިތައް ހަމަ އެގޮތަށް ކުރުމުގެ ސަބަބުން، ޤާނޫނީ ގޮތުން ބަލާއިރު، ފެންނަނީ އޭނާގެ 3 ފިރިން އެބަތިބި ކަމަށެވެ.
މިއީ ނަސަބު އޮޅި، މުޖުތަމައުގެ ތެރޭގައި ނޭދެވޭ އެތައް ކަމެއް ފެންމަތިވެގެން ދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ކައިވެނިކުރާނަމަ ފެމިލީ ކޯޓުގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް އެ ހުއްދަވެސް ބައެއް ފަރާތްތަކުން ނުނަގާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ އާއިލާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އަދި ކަމާ ގުޅުންހުރި ޤަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް ކައިވެނި ކުރުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެއް އަންހެނެއްގެ ކިބައިން އަޅުގަނޑުމެންނަށް ފެނުނު މައްސަލަތަކެއް މިއީ، އޭގެ އެންމެ ކޭސްއެއް ނޫން، މިހާރު ހައިކޯޓުގައި ބެލެމުންދާ މައްސަލަތަކެއްގެ ތެރެއިންވެސް އެފަދަ މައްސަލައެއް އެބައޮތް
އޭނާ ވިދާޅުވީ، މިއީ މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި ކަމެއް ކަމަށެވެ. މިއީ ހިތާމަ ކުރަންޖެހޭ ފަދަ ޙާލަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

