ފެބްރުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ރިސޯޓުތަކަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމުގެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ފެބްރުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 358،999 ފަތުރުވެރިން އައިސްފައިވެއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 335،467 ފަތުރުވެރިންކަމަށްވުމުން މިއީ 7 އިންސައްތައިގެ ކުރިއެރުމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުން މި މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށެވެ. އެގޮތުން ރާއްޖެއަށް އައި މީހުންގެ ތެރެއިން 247،548 މީހުން ރިސޯޓުތަކަށް ޒިޔާރަތްކުރިކަމަށް ހިއްސާކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ ގެސްޓްހައުސްތަކުގައި ތިބުމަށްކަމަށް ފެނިގެންދެއެވެ. ގެސްޓްހައުސްތަކަށް 92،868 ފަތުރުވެރިން އައިސްފައިވެއެވެ.
ހޮޓެލް އަދި ސަފާރީތަކަށްވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފައިވާއިރު މި މުއްދަތުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާ މާކެޓުންކަމަށް ފަތުރުވެރިކަމުގެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އެ މާކެޓުން ފެބްރުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް 54،438 މީހުން އައިސްފައިވާއިރު ދެވަނައިގައި އޮތީ ރަޝިއާ މާކެޓެވެ. އަދި ގާތް ކުރާ އަދަދުތަކަކާއިއެކު ތިންވަނައިގައި އިނގިރޭސިވިލާތް އޮތް އިރު އިންޑިއާ މާކެޓު އޮތީ އިޓަލީ އަދި ޖަރުމަނުވިލާތަށްފަހު ހަވަނައިގައެވެ. މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް 16،727 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ބެޑް ކެޕޭސިޓީ ބެހިފައިވާ ނިސްބަތަށް ބަލާއިރު އޮޕަރޭޝަނަލް ހާލަތުގައި ހުރި 60،039 އެނދުގެ ތެރެއިން 70 އިންސައްތަ އެނދުތައް ހުރީ ރިސޯޓުތަކުގައިކަން ފާހަގަކުރެވެއެވެ. ދެވަނައަށް އެންމެ ގިނައީ ގެސްޓްހައުސްތަކުގައިވާއިރު އެއީ 22 އިންސައްތަކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

