ރޯމަން ކެތޮލިކް ޗާޗްގެ 266 ވަނަ ޕޯޕް، ޕޯޕް ފްރާންސިސްގެ ސިއްހީ ހާލަތު ގޯސްވެ ފަރުވާ ދެމުންދާކަމަށް ނޫސްތަކުން ބުނެފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޕޯޕް ފްރާންސިސްއަށްވަނީ އެސްތަމާގެ ސަބަބުން ނޭވާލުމުގެ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި އޭނާއަށް ނިއުމޯނިއާގެ އިތުރުން ފުއްޕާމޭގެ އިންފެކްޝަނެއްވެސް ޖެހިފައިވާކަމަށް ބުނެފައިވެއެވެ. ވެޓިކަންއިން މައުލޫމާތު ދީފައިވާގޮތުން އުމުރުން 88 އަހަރުވެފައިވާ ޕޯޕް ފްރާންސިސްއަށް ނޭވާލުމުގައި އެހީތެރިކަންދިނުމަށްޓަކައި ވަރަށް ބައިވަރު އޮކްސިޖަން ދޭންޖެހެއެވެ. އަދި ލޭ އަޅަންޖޭކަމުގެ މައުލޫމާތު ދީފައިވާއިރު އޭނާގެ ހާލު ދެރަކަމަށް ބުނެފައިވާކަން ނޫސްތަކުން ފާހަގަކުރެއެވެ.
މީޑިއާތަކުން ބުނާގޮތުން ޕޯޕް ފްރާންސިސްއަށް ހަސްފަތާލުގައި ފަރުވާދެމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު ވެޓިކަންއިން އޭނާގެ ހާލަތު ގޯސްކަމަށް ބުނެފައިވަނީ ފުރަތަމަ ފަހަރަށްކަމަށެވެ. ޑޮކްޓަރުންވަނީ މިކަމާއި ގުޅޭގޮތުން ނޫސްތަކަށް އިތުރު މައުލޫމާތުތަކެއް ދިނުމަށް ދެކޮޅު ހަދާފައެވެ.
ނިއުމޯނިއާގެ ސަބަބުން ފްރާންސިސްއަށް ސެޕްސިސްގެ ނުރައްކާ އޮތްކަމަށާއި އެއީ ނިއުމޯނިއާގެ ހާލަތު ގޯސްވެގެންދިއުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް މިވަގުތު އެފަދަ ކަމެއްގެ އަސަރެއް ފެންނަން ނެތްކަމަށާއި ދެމުންދާ ބޭހުގެ އަސަރުތައް ރަނގަޅަށް ކުރަމުންދާކަމަށް ފެނިގެންދާކަމަށެވެ. މިހާރު އޭނާއަށް ޕްލޭޓްލެޓް ކައުންޓު ދަށްވުމުގެ މައްސަލަ ދިމާވެފައިވާއިރު އެއީ ބޭހުގެ ސަބަބުންނާއި އިންފެކްޝަންތަކުގެ ސަބަބުންވެސް ދިމާވުން އެކަށީގެންވާ ހާލަތެއްކަން ސިއްހީ ކަންކަމާއިބެހޭ އިދާރާތަކުގެ މައުލޫމާތުތަކުން އެނގެއެވެ.

