ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލައިޒޭޝަން ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަށް ނިންމައިފިއެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި މިހާރާ އެއްގޮތަށް ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން ޚިދުމަތްތައް ލިބޭނެއެވެ. އެގޮތުން ފައިސާ ޖަމާކުރުމާއި ނެގުން، ފައިސާ ޓްރާންސްފަރ ކުރުން، ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، މުދާގަތުމަށާއި ޚިދުމަތްތަކަށް ފައިސާ ދެއްކުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، ލުއި ލޯނާއި ފައިނޭންސް ދޫކުރުން އަދި ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން ފަދަ ޚިދުމަތްތައް ލިބޭނެއެވެ.
މީގެ އިތުރުންވެސް އޮންލައިންކޮށް ކާޑު އެކްޓިވްކުރުމާއި، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުމުގެ އިތުރުން، ޒަކާތް ދެއްކުން ފަދަ ކަންކަންވެސް ކުރިއަށް ގެންދެވޭނެއެވެ.
1 މާރިޗު 2025 އިން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އައު ޚިދުމަތްތަކެއްވެސް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުމާއި، މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުމާއި، ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުމަށްވެސް ހަމަޖެހިފައިވެއެވެ.
ހަމައެއާއެކު، ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުމާއި، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފަރ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުމަކީވެސް އަލަށް ގެންނަ ބަދަލުތަކެވެ.
މީގެ އިތުރުން، ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބައެއް އިތުރު ޚިދުމަތްތަކަށް ވެސް ބީއެމްއެލްއިން ވަނީ ބަދަލުގެނެސްފައެވެ.
އޭގެ ތެރޭގައި ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ފެށުމާއި، ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީ.އޯ.އެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުމާއި، މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ 1 ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދިނުން ހިމެނެއެވެ.
ހަމައެހެންމެ ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމާއި، ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބަރ އިން މެސެޖް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.
އެއްވެސް ސަބަބަކާހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބެންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ. 27 އަދި 29 މާރިޗު ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެއެވެ.

