ކާނާ ވިހަވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދިޔަ ބިދޭސީން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.
އިމިގްރޭޝަނުން ވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު ރޭ ހޮސްޕިޓަލަށް ގެންދިޔައީ ކާނާ ވިހަވުމުގެ ސަބަބުން ކަމުގައި ވިދާޅުވެފައެވެ. އެގޮތުން 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ރޭ ވަނީ ފަރުވާދީފައެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން ހުރިހާ ބިދޭސީން އަނބުރާ ޑިޓެންޝަން ސެންޓަރަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ. ކާނާ ވިހަވެގެން ފަރުވާ ދިން މީހުންގެ ތެރޭގައި ހިމެނެނީ 3 އަންހެނަކާއި 16 ފިރިހެނުންނެވެ.
އެހެންނަމަވެސް ކާނާ ވިހަވެފައިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. ހުޅުމާލޭ ޑިޓެންޝަން ފެސިލިޓީގައި ބިދޭސީން ބައިތިއްބަނީ އެ މީހުން ޤަވާއިދާ ޚިލާފުވާ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ޑީޕޯޓުކޮށްލެވެންދެނެވެ. ޑިޓެންޝަން ފެސިލިޓީގައި ޖާގައިގެ ދަތިކަންވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

