އެފްބީއައިގެ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައިވާ ކޭޝް ޕަޓޭލް އޭޓީއެފްގެ އިސްވެރިޔާގެ މަގާމަށް ކަނޑައެޅުމަށް ޓްރަމްޕު އޭނާގެ ނަން ހުށައަޅުއްވާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ބިއުރޯ އޮފް އަލްކޮހޯލް ޓޮބެކޯ ފަޔާރ އާރމްސް އެންޑް އެކްސްޕްލޯސިވްސްގެ އިސްވެރިޔާގެ މަގާމަށް ކޭޝް ޕަޓޭލްގެ ނަން ހުށައެޅުވުމަށް ކަނޑައެޅިފައިވާކަން ހާމަކޮށްފައިވަނީ މި މަސައްކަތްތަކާއި ގާތުން ހަރަކާތްތެރިވާ މަސްދަރެކެވެ. އެހެންކަމުން އެފްބީއައި ހިންގުމުގެ އިތުރުން ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމުގެ މުއައްސަސާވެސް ހިންގަވާނީ ޕަޓޭލްކަމަށް ބެލެވޭކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭނާ އެފްބީއައިގެ ވެރިޔާގެ މަގާމަށް ގެނައުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް ޑިމޮކްރެޓުންގެ އިތުރުން ބައެއް ރިޕަބްލިކަން ޕާޓީގެ މެމްބަރުންވެސް ދެކޮޅު ހަދާފައިވެއެވެ. އެގޮތުން އޭނާ ޓްރަމްޕަށް ފާޑުކިޔާމީހުންނާއިމެދު އަމަލުކޮށްފައިވާގޮތުގެ ސަބަބުން އެފްބީއައި ހިންގުމަށް އެކަށީގެން ނުވާކަމަށް ބުނެފައިވެއެވެ.
އޭޓީއެފްގެ އިސްވެރިޔާގެ މަގާމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ހަތިޔާރު ގެންގުޅޭ އާންމުންނާއި އެފަދަ ބާރުތަކަށް ތާއީދުކުރާ ޖަމިއްޔާތަކުން ތާއީދު ލިބިފައިވާ ޕަޓޭލް އެޖެންސީގެ މަސައްކަތްތައް އެއްކޮށް ބަދަލުކޮށް ލުއިތަކެއް ދިނުމަށް އެ ފަރާތްތަކުން އެދޭނެކަމަށް ބުނެފައިވެއެވެ. ޓްރަމްޕުވަނީ ރިޔާސީ ކެމްޕެއިން ދުވަސްވަރު އޭޓީއެފްއިން ހަތިޔާރު ގެންގުޅޭ މީހުންނާއިމެދު ހަރުކަށި އުސޫލުން އަމަލުކުރާކަމުގެ ތުހުމަތުކޮށްފައެވެ. މިވަގުތު އޭޖީގެ މަގާމުގައި ހުންނެވި ޕޭމް ބޮންޑީ ވަނީ އޭޓީއެފްގެ ޗީޗް ކައުންސިލުގެ މަގާމުގައި ގިނަ ދުވަސްތަކެއް ހުންނަވާފައިވާ ޕަމެލާ ހިކްސް ވަޒީފާއިން ވަކިކޮށްފައެވެ. އޭނާ އޭޓީއެފް ހިންގާ އިމާރާތުން ބޭރުކުރީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ސެކިއުރިޓީގެ ބެލުމުގެ ދަށުގައިކަމަށްވާއިރު އެއްވެސް އިންޒާރެއްވެސް ދީފައިނުވާކަމަށް ނޫސްތަކުން ފާހަގަކުރެއެވެ.
ފަހުން ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ބޮންޑީ ވިދާޅުވީ، އޭޓީއެފްއިންދަނީ ހަތިޔާރު ގެންގުޅޭ މީހުންނަށް އަމާޒުކޮށްގެން ނަހަމަ ގޮތެއްގެ މަތިން އަމަލުކުރަމުންކަމަށެވެ. ނޫސްތަކުން ބުނާގޮތުން ޕަޓޭލްގެ އިތުރުންވެސް އެހެން އެތައް ބަޔަކު ޓްރަމްޕުގެ ސަރުކާރުގައި ދެ މަގާމެއް އަދާކުރައްވާނެކަމަށެވެ. އެގޮތުން ސެކެޓްރީ އޮފް ސްޓޭޓް މާކް ރޫބިއޯވެސް ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރުގެ މަގާމު އަދާކުރައްވާއިރު އެ މުއައްސަސާ އުވާލުމަށް ކަނޑައެޅިފައިވާކަން ފާހަގަކުރެވޭކަމަށް ނޫސްތަކުން ބުނެއެވެ.

