އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ނަމުގައި ކުރިއަށް ގެންދިޔަ ގޭމިން ފެސްޓިވަލް ކުލަގަދަ ހަފްލާއަކާއިއެކު ނިންމާލައިފިއެވެ.
އުރީދޫއިން މައުލޫމާތު ދީފައިވާގޮތުން ގޭމިންގް ފެސްޓިވަލް ނިންމާލާފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކާއި އީސްޕޯޓްސް އެތުލީޓުން އެއްތަނަކަށް ގެނެސް ފޯރިއާއިއެކުއެވެ. މާލޭގެ އުސްފަސްގަނޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ހެލްތް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުالله ރަފީޢުއެވެ.
މި ފެސްޓިވަލް ފެށިގެންދިޔައީ ފޯރިގަދަ ކޮސްޕްލޭ ސެގްމެންޓަކުންކަމަށްވާއިރު މި ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިންވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފައިކަމަށްވެސް ބުނެފައިވެއެވެ. އަދި އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް އެވޯޑް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔަރ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވިފައިވެއެވެ. އަދި ވަރުގަދަ ވާދަވެރިކަމަކަށްފަހު ހައިޝަމް ވަޙީދު ވަނީ ”އަލްޓިމޭޓް ޕްލޭޔަރ“ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައިކަމަށްވެސް ބުނެފައިވެއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފް ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށްވެފައިވާކަމަށެވެ. އަދި ގެމަރސް ލޭންޑް ފަދަ އިވެންޓްތަކުން ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދޭކަމަށް ފާހަގަކޮށްފައިވެއެވެ.

