ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް، އިތުރު ދައުރެއް ލިބެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަތީ ކުޑަހުވަދޫއަށެވެ. ދާއިރާގެ މެމްބަރުކަން ކުރައްވާ ހަމީދު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށުގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ހޮސްޕިޓަލުގެ މަސައްކަތުގެ ބިންގާ މިއަދު އެޅިގެން ދިއުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ކުރެވުމަކީ ރައްޔިތުން ހިތްހަމަޖެހުން ލިބިގަންނަކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.
2024 ވަނަ އަހަރު ކުރިމަތިލާން ޖެހުނު އިގްތިސާދީ ދަތިތައް ފާހަގަކުރައްވައި ހަމީދު ވިދާޅުވީ، އޭރުގެ އެ ހާލަތުން ސަރުކާރުން އަރައިގަތީ ހިކުމަތްތެރިކަމާއި އެކުކަމަށެވެ. އަދި ސަރުކާރުން އެޅި ކޮންމެ ފިޔަވަޅަކާއި އެކު ދިން ޔަގީންކަމަކީ އެ ރައްޔިތުންގެ އެއްވެސް ހައްގެއް ގެއްލިގެން ނުދިއުންކަމަށް ހަމީދު ވިދާޅުވިއެވެ.
މަނިކުފާނުގެ މި ޒައަމާތު ކުރިޔަށް ގެންގޮސް، އިތުރު ދައުރެއް ހޯދައިދިނުމުގައި ކުޑަހުވަދޫގެ ރައްޔިތުން ވާނީ އެންމެ ބުރަ މަސައްކަތް ކުރާނެ ބަޔަކަށްކަން ޔަގީން..
ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ދެކަމެއްގެ ގޮތުގައި ހަމީދު ފާހަގަކުރެއްވީ ގައުމުގެ ޒުވާން ޖީލު ވޭޕްގައި ޖެހި ހަލާކުވަމުން ދިއުން ހުއްޓުވުމެވެ. އަދި ރައްޔިތުންނަށް ދިމާވަމުން ދިޔަ ޑޮލަރުގެ ތާށިކަމުން އަރައިގަތުމަށާއި، އިގްތިސާދުގައި ހުރި ދަތިތައް ފިލުވުމުގެ ގޮތުން ގެނައި ބޭރު ފައިސާގެ ގާނޫނާއި އެކު ނުހަނު ގިނަ ބަދަލުތައް ފެނިގެން ދިޔަކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ސަރުކާރުގެ އެ ފިޔަވަޅުގެ ސަބަބުން މި ރަމަޟާން މަހު އުމްރާއަށް ދާ، ދިވެހީންނަށް 1،500 ޑޮލަރުގެ އިންތިޒާމު ހަމަޖެހިގެން ދިޔަކަމަށެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ރައްޔިތުންނަށްޓަކައި ރެެއާއި ދުވާލު ކެބިނެޓު ވަޒީރުން ކުރާ މަސައްކަތުން ފެނިގެން ދަނީ އިހުލާސްތެރިކަންކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ އެތައް ސަބަބުތަކެއް ހުރުމާއި އެކު ރައީސް މުއިއްޒަށް އިތުރު ދައުރެއް ލިބެންޖެހޭކަމަށާއި، ކުރެވެމުން ދަނީ ވެސް އެ މަސައްކަތްކަމަށެވެ. އަދި ކުޑަހުވަދޫ ރައްޔިތުން ވެގެން ދާނީ ރައީސް މުއިއްޒުގެ އިތުރު ޒައާމަތެއް ގެނައުމަށް އެންމެ ބުރަ މަސައްކަތެއްކޮށް، އިސްރޯލު އަދާކުރާނެ ރަށަށްކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

