ނަމެއްގައި ވައުދުފުޅުތަކެއް ވެވަޑައިނުގަންނަވާނެކަމަށާއި ރައްޔިތުންނާއި މުހާތަބުކުރައްވާނީ ކަންކަން ކުރެއްވުމުގެ ފުރިހަމަ ނިޔަތާއިއެކުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި ވެރިކަން ލިބިވަޑައިގެންނެވުމަށްފަހުވެސް ރާއްޖޭގެ ތަރައްގީގެ މާސްޓާޕްލޭނެއްގެ ތަސައްވުރު ހިއްސާކުރައްވާފައިވާނެކަމަށެވެ. އޭގެ ތެރެއިން ވަކިން ހާއްސަ އިސްކަމެއްދީގެން ސަރަަހައްދީ ތަރައްގީގެ ވިސްނުމުގައި އާބަން ސެންޓަރުތަކެއް ތަރައްގީކުރުމަށްޓަކައި ކަނޑައެޅިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ، އާބަން ސެންޓަރުތައް ބިނާކުރުމަށް ކަނޑައެޅި ރަށްތަކުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭކަމަށާއި އެއީ މީގެ ކުރިން ނިންމަވާފައިވާ ކަމެއް ކަމަށްވާއިރު އެކަން އިއުލާނުކުރެއްވީ ނަމެއްގައި ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ނަމެއްގައި ވައުދުފުޅުތަކެއް ވެވަޑައިނުގަންނަވާނެކަމަށާއި ހިތުގެ އެންމެ ފުންމިނުން ނިޔަތްގަނެ އެކަމެއް ކުރުމުގެ އަޒުމާއި އެކަން ކުރެވޭނެކަމުގެ ޔަގީންކަން ނެތި ރައްޔިތުންނާއި މުހާތަބުނުކުރައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަނޑައެޅުއްވީ އެގޮތުގެމަތިންކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމުގެ މާނައަކީ ކުޑަހުވަދޫގެ ކަންކަން އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ފުރިހަމަވެގެންދިއުންކަމަށެެވެ. އަދި އެއީ އެމަނިކުފާނުގެ ތަރައްގީގެ ތަސައްވުރުކަމަށާއި ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރަން ބޭނުންވާނަމަ އާބާދީ އެއްފަސްކުރަންޖެހޭނެކަމަށްވުމުން މިކަމުގެ ބޭނުމަކީ އެކަމަށް މަގުފަހިކުރުންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިޖްތިމާއީގޮތުން ފުރިހަމަ ގޮތެއްގައި ހައްގުތައް ކަށަވަރުކޮށްދިނުމާއިއެކު ހިޖުރަކުރަން އެދޭ ރައްޔިތުންނަށްވެސް ފުރިހަމަ އެއްބާރުލުން ދޭންޖެހޭކަމަށެވެ. އަދި ކުޑަހުވަދޫއަކީ މިހާތަނަށްވެސް އެގޮތުގެ މަތިން ފާހަގަކޮށްލެވޭ ރަށެއްގައިކަމަށާއި އާބާދީ އެއްފަސްކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވިދާޅުވިއެވެ.

