ކޭޕާކް މައްސަލައިން ހާމަވަނީ މި ސަރުކާރަށް ދައުލަތް ހިންގުމުގެ ތަރުތީބު އޮޅިފައިވާކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކޭޕާކް މައްސަލައިން އެންމެ ބޮޑަށް ހާމަވަނީ ދައުލަތަކުން ކަންކަމަށް އިސްކަން ދޭން ޖެހޭ ތަރުތީބު މި ސަރުކާރަށް އޮޅިފައިވާކަންކަމަށް މީކާއީލް ވިދާޅުވިއެވެ. ކޭޕާކް މައްސަލައިގައި އެތައް ރައްޔިތުނެއްގެ ހައްގު ގެއްލިފައިވާއިރު، އެ މީހުން ދަތި ހާލުގައި އުޅެމުން ދިޔަ ނަމަވެސް މި ސަރުކާރަށް މުހިންމީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުން ނޫންކަމަށް ފާހަގަކުރައްވާ މީކާއީލް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށްވެސް މި ސަރުކާރުން އިސްކަން ނުދޭކަމަށެވެ.
އޭގެ ބަދަލުގައި މާދުރުގައި ހުރި އެހެން ފަޅުތައް ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި، އެއީ ދައުލަތުގެ ރިޒާވުން 800 މިލިއަނެއްހާ ރުފިޔާ ނަގައިގެން ކުރާ މަސައްކަތެއްކަމަށް މީކާއީލް ވިދާޅުވިއެވެ. މީކާއީލް ފާހަގަކުރެއްވީ ފުށިދިއްގަރުފަޅުގެ މަސައްކަތެވެ.
އަޅުގަނޑުމެން މިދައްކަނީ މި ކޭޕާކް އެޕާޓްމެންޓްތަކަށް ފައިސާ ދައްކައިގެން، ބޭންކަށް ފައިސާ ދައްކަމުން، ކުލީގެ ގޮތުގައި ފައިސާ ދައްކަމުން، އަދި އެނޫނަސް އެމީހުން ދޭން ޖެހޭ ތަނަކަށް ފައިސާ ދައްކަމުންދާ ނިކަމެތި ބައެއް، އެ ނިކަމެތިކަމުގައި ބައިތިއްބާފާ، އިއްޒަތްތެރި ރައީސް! ދައުލަތަކުން، ސަރުކާރަކުން އަނެއްކާވެސް މިއުޅެނީ އެމީހުންގެ ޓެކްސް ފައިސާއިން އެމީހުން ސަރުކާރަށް ދައްކާ ފައިސާކޮޅުން ފުށިދިއްގަރު ފަޅު ހިއްކަން.
މީކާއީލް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ނުދޭކަމަށް ތަކުރާރުކޮށް މީކާއީލް ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ހަމައެކަނި މުހިންމީ މި އެޕާޓްމެންޓްތައް ނިންމުން އެކަނި ނޫންކަމަށާއި، މިފަދަ މައްސަލަތައް ބެލުން ލަސްވެގެންދާ ސަބަބުވެސް ބަލަން ޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ.
މި މައްސަލައިގައި ތުހުމަތުވާ މަމްދޫހު އުޅުއްވަނީ ޕީއެންސީގެ ކެމްޕެއިން ހަރަކާތްތަކުގައިކަމަށް މީކާއީލް ވިދާޅުވިއެވެ.

