”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ނަމުގައި ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައި އޮތް ބިލުގެ ސަބަބުން ނޫސްވެރިން ސަރުކާރަށް ފާޑުކިޔާއިރު، ބިލުގައި އޮތީ ކީކޭކަންވެސް ރަނގަޅަށް ބަލާ ނުލާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވުމަކީ ކޮބައިކަން ސާފު މާނައިގައި ތަފްސީލު ކޮށްދެވިފައި ނެތްއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކަންކަން ކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ބަޔާންކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކުރުމުންނެވެ.
މެންބަރު ވިދާޅުވީ އޮޅުން އަރާ ކަންތައްތަކެއް އެބަހުރިކަމަށެވެ. ނަމަވެސް ކަންކަން އޮތީ ސާފުކޮށްކަމަށް ޒަރީރު ވިދާޅުވިއެވެ. އިދިކޮޅާއި، ނޫސްވެރިން އެދޭހާ ގޮތަކަށް ކަންކަން ބައްޓަން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅުގައި އޮންނައިރު، ކަންކަމުގެ ހައްގުގައި އާއި ދިފާއުގައި ނިކުންނާނެކަމަށާއި، މިނިވަންކަމަށް ވަކާލާތުކުރާނެކަމަށް ފާހަގަކޮށް ޒަރީރު ވިދާޅުވީ އެހެން ނަމަވެސް ވެރިކަމަށް އައުމުން ރާގު ބަދަލުވާނެކަމަށެވެ.
މިހާތަނަށްވުރެ އެމްޑީޕީ ވެރިކަމުގައި ހައްޔަރުކުރި ނޫސްވެރިން މާ ގިނަ. ދައުވާ ކުރި ނޫސްވެރިން މާ ގިނަ، ފިޔަވަޅު އެޅި ނޫސްތައް މާ ގިނަ. އެހެންވީމަ ސްޓެޓިސްޓިކްސް ބައްލަވާ.
ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ތަފާސް ހިސާބުތައް ބެލުމުން އެމްޑީޕީއިން މާ ބޮޑަށް ނޫސްވެރިންގެ މިނިވަންކަމަށް އަރާގަނެފައިވާކަން ސާފުވެގެންދާނެކަމަށެވެ. ޒަރީރު ވިދާޅުވީ ރާއްޖެއަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް، ކުޑަ ގައުމެއްކަމަށާއި ރިސޯސަސްވެސް މަދު ގައުމެއްކަމަށެވެ. ކަން އެހެން އޮތްއިރު، ލިޔެލާ ހަބަރެއްގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ޒަރީރު ވިދާޅުވިއެވެ. އެހެންކަމުން ސާބިތު ހިފޭ ވާހަކަތައް ފެތުރުމަކީ މުހިންމިކަމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ، ޒިންމާދާރުކަމާއިއެކު ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަނީ މަދު ނޫސްވެރިއަކުކަމަށް ފާހަގަކޮށް ޒަރީރު ވިދާޅުވީ، ނޫސްވެރިކަމާއި ގުޅޭ ގޮތުން ސަރުކާރަށް ފާޑުކިޔުން އަމާޒުކުރާއިރު، ބިލުގައި ހުރި ކަންކަން ރަނގަޅަށް ބެލި ނޫސްވެރިއަކުވެސް މަދުކަމަށެވެ.
މެންބަރު ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް ގާނޫނުތައް ނެހެދޭނެކަމަށެވެ. އެހެންކަމުން ބިލުގައި އިސްލާހުކުރަން ޖެހޭކަމެއް ހުރިނަމަ އެކަން ކުރައްވާނެކަމަށް ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނާއި ގާތުން މަސައްކަތްކުރާ ސަރުކާރެއްކަމަށެވެ. ރައްޔިތުންނާއި ވަޒީރުންނާއި ގުޅުވާލުމަށް ކުރިއަށް ގެންދާ، އަހާ ފޯރަމްގެ ވާހަކަވެސް މެންބަރު ފާހަގަކުރެއްވިއެވެ. އަދި މީޑިއާތައް ބާރުވެރިކުރުވުމަށް މުޅިން އާ ކަންކަންވެސް ސަރުކާރުން ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

