2008 ވަނަ އަހަރު ރާއްޖެއަށް އާ ފެހި ގާނޫނުއަސާސީ ގެނެސް، ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނައުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވެރިކަން ހިންގުމުގެ ނިޒާމުގައި ސަގާފީ ގޮތުން ހަރުލާފައި ހުރި ރަސްކަމުގެ ސިފަތައް މުޅިން ފޮހެލުމެވެ. ތާރީޚީ ގޮތުން ރާއްޖޭގައި ޖުމްހޫރިއްޔަތެއް އިއުލާނުކުރެވުނު ކަމުގައި ވިޔަސް، ބާރުތައް މަރުކަޒުވެފައި އޮތުމުގެ ސަބަބުން ވެރިކަމުގެ ނިޒާމު ހިންގަމުން އައީ ރަސްކަމެއްގެ އުސޫލުން، ވަކި އާއިލާއަކަށް ނުވަތަ މަތީ ފަންތިއެއްގެ ”ބޭފުޅުންނަށް“ އެކަނި އިއްޒަތާއި އިމްތިޔާޒުތަކާއި ބާރުތައް ކަށަވަރުވާ ގޮތަށެވެ.
ޒަމާނުއްސުރެ ދިވެހި ފަސްގަނޑުގައި މޫލާފައިވާ ”ބޭފުޅިޒަމް“ގެ ވިސްނުމަކީ ހަމަހަމަކަމުގެ ރޫހާ ދެކޮޅަށް ހިނގި ނިޒާމެކެވެ. އެއީ އުފަންވި އާއިލާއަކުން ނުވަތަ ނިސްބަތްވާ ފަންތިއަކުން ނުވަތަ ލިބިފައިވާ މަގާމަކުން މީހެއްގެ އަގު ވަޒަންކޮށް، އާންމު ރައްޔިތުންގެ މައްޗަށް އެ ބަޔަކު އިސްވެ، ތިމަންނާމެންނަކީ ރައްޔިތުންގެ ވެރީންގެ ގޮތުގައި ދެކި، ވަކި ހާއްސަ ގަދަރަކާއި އިއްޒަތަކާއި އިހްތިރާމެއް އާދައިގެ ރައްޔިތު މީހާގެ ކިބައިން ލިބެން ތިމަންނާއަށް ހައްގުކަމަށް ވިސްނި ވިސްނުމެވެ.
ފެހި ގާނޫނުއަސާސީން ބާރުތައް ވަކިކޮށް، އިންތިޚާބީ މަގާމުތަކާއި މުއައްސަސާތައް އުފައްދައި، އެންމެހައި ރައްޔިތުންނަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއްގެ ގޮތުގައި ކަނޑައެޅީ، އުފަންވީ ނަސަބަށް ނުވަތަ އާއިލާގެ ފަސްފަހަތަށް ބަލައި ބާރުތައް ބެހުމުގެ ”ބޭފުޅިޒަމް“ ނައްތާލައި، ދައުލަތުގެ އެންމެ މަތީ ބާރަކީ ރައްޔިތުންކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ.
އެ ގާނޫނުއަސާސީގެ ދަށުން ބޭފުޅު ވެރީންގެ ބަދަލުގައި މިހާރު ރައްޔިތުން އިންތިހާބުކުރަނީ ރައްޔިތުންގެ ހާދިމުންނެވެ. އެއީ ރައްޔިތުންގެ މައްޗަށް އަމުރު މައުރޫފު ހިންގާ، އަމިއްލަ ޖާހާއި ޝަރަފަށްޓަކައި ރައްޔިތުން ކިޔަމަންކުރަން އުޅުނު އިހުގެ ރަސްކަމުގެ ވެރިން ފަދަ ބައެއް ނޫނެވެ. ތަޚުތެއްގައި ވެޑުވިވަޑައިގެން ތިއްބަވާ މާ މާތް ބައެއް ނޫނެވެ. އެއީ ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތުތަކެއް އަދާކުރާ ބައެކެވެ.
އެހެންނަމަވެސް، އިހުގައި އާއިލީ ނަސަބުގެ މައްޗަށް ބިނާވެފައި އޮތް ބޭފުޅިޒަމް، މިހާރު އަށަގަންނަން ފަށާފައިވަނީ އިންތިހާބީ މަގާމުތަކަށާއި އައްޔަންކުރާ ދައުލަތުގެ ސިޔާސީ އެހެނިހެން އިސް ފަރާތްތަކުގެ ސިކުނޑީގައެވެ. މިހާރު މި އޮތް ނިޒާމުގެ ތެރެއިން ވެސް، ރައްޔިތުން އިންތިހާބުކުރާ ފަރާތްތަކުން ހާދިމުންގެ ގޮތުގައި ދެކުމުގެ ބަދަލުގައި ރައްޔިތުންގެ މައްޗަށް އިސްވާ ވެރީންގެ ގޮތުގައި ދެކުމުގެ ވިސްނުން އިސްކުރަމުން އަންނަކަމުގެ މިސާލުތައް ދައުލަތުގެ ތެރެއިން އަންނަނީ ފެންނަމުންނެވެ. އަދި ރައްޔިތުންގެ ކިބައިން ހާއްސަ ގަދަރަކާއި އިހްތިރާމާއި ކިޔަމަންތެރިކަން ލިބެންޖެހޭ ކަމަށް އެފަދަ މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުން ދެކެއެވެ.
އެގޮތުން، ސަރުކާރުން އަދަބުވެރިކަން އާލާކުރުމުގެ ނަމުގައި ”އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު“އެއް ފެށުމަކީ، އަޅުގަނޑުމެން މި ދައްކަވާ ވާހަަކަތާ މެދު ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މީގެ އެތައް އަހަރެއް ކުރިން ރާއްޖެއަށް ”ސިޔާސީ އޮއިވަރެއް“ ވަންނަމުން ގޮސް މިހާރު އިޙުތިރާމުކުރުން އޮތީ ވަރަށް ބޮޑަށް ނެތިފައި ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް އެމަނިކުފާނު ނަންގަވާނެ ހަތިޔާރަކީ ނަސޭހަތުގެ ބޯޑުތައްކަން ވަނީ އިއުލާނުކުރައްވައިފައެވެ.
ނަމަވެސް، މީސްތަކުންގެ ތެރެއިންވާ ކިތަންމެ މާތް ބޭފުޅަކަސް، އިހްތިރާމަކީ މަޖުބޫރުން މީހެއްގެ ކިބައިން ހޯދޭނެ ފަދަ އެއްޗެއް ނޫނެވެ. އިހްތިރާމަކީ ލިބިގަންނަ އެއްޗެކެވެ. އިހްތިރާމްކުރާނީ އިހްތިރާމްކުރަން އިހްތިޔާރުކުރާ މީހާ، އެ މީހަކު ބޭނުންވާ މީހަކަށެވެ. ރައްޔިތުން އިހްތިޔާރުކުރާ މީހުންނަށް އިހްތިރާމްކުރުމުގެ އާދަކާދަ ރާއްޖޭގައި އަދިވެސް ދެމި އެބަ އޮތެވެ. އެހެންކަމުން، ނުލިބެގެން މިއުޅެނީ ކާކަށް، ކޮން އިހުތިރާމެއްތޯއެވެ.
އަހަރެންގެ ހިޔާލުގައި ރާއްޖެއިން ނެތެމުންދަނީ ރައްޔިތުން އިންތިހާބުކުރާ ހާދިމުންނަށް، އެ މީހުންގެ މަގާމުގެ ޝަރަފަށް ޓަކައި ދެމުން އައި އިއްޒަތެވެ. ނެތެމުންދަނީ ވެރީން ކަމަށް އަމިއްލަައަށް ގަބޫލުކުރާ ފަރާތްތަކުގެ އަމަލުތަކަށް ސުވާލެއް ވެސް ކޮށްލުމެއް ނެތި ރައްޔިތުން ކިޔަމަންތެރިވަމުން ދިޔަ ދިޔުމެވެ. ނެތެމުން ދަނީ ދިވެހި ރައްޔިތުން ތަސައްވުރުކުރި ގޮތަށް، މާ ކުރިން ކަފުންކޮށް ވަޅުލާފައިވާ ބޭފުޅިޒަމްއެވެ. އަދި މުޖުތަމައުގައި ހަރުލާފައި ހުރި އެކަމުގެ އަސަރުތަކެވެ.
ރައްޔިތުން އެދޭ ނަތީޖާތައް ނުނެރެވޭތީ ކިޔާ ފާޑުކިޔުންތަކަކީ އިހްތިރާމް ނުކުރުމުގެ ގޮތުގައި ދެކިގެންނުވާނެއެވެ. އަދި އިހުތިރާމްކުރުމަކީ ބާރުވެރިންގެ ކުރިމަތީގައި ކިޔަމަންތެރިކަން ދެއްކުމަށް މަޖުބޫރުކުރާ ސިޔާސީ އުކުޅަކަށް ވެގެން ނުވާނެއެވެ. ބާރުވެރިންނަށް ފާޑުކިޔުމުގެ ދޮރުތައް ބަންދުކޮށް، ރައްޔިތުންގެ އަޑުތައް ހަނިކުރުމަށް ”އިހްތިރާމް“ ޝިއާރެއްގެ ގޮތުގައި ބޭނުންކުރުމަކީ، ބޭފުޅިޒަމްގެ ބާރުވެރިކަން އާ ގޮތަކަށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށް ގަބޫލުކުރެވެއެވެ.
ނަސޭހަތުގެ ބޯޑުތައް ބަހައްޓައިގެން ރައްޔިތުންގެ ވިސްނުމާއި ފިކުރު ބަދަލުވާނަމަ، ރައްޔިތުންނަށް ނަސޭހަތްދިނުމުގެ ކުރިން، ބަހައްޓަންވީ ވައްކަމުގެ ނުބައިކަން ރައްޔިތުންގެ ހާދިމުންނަށް ކިޔައިދޭ ނަސޭހަތުގެ ބޯޑުތަކެވެ. ތާރީހު ހެކިދޭ ގޮތުގައި ދައުލަތް ހިންގަން ރައްޔިތުން ހަވާލުކުރާ ވެރީންނަށް ނަސޭހަތްދިނުން މާ އައުލާކަން ބޮޑެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެފަދަ ބޯޑުތައް ބަހައްޓަން އެތައް ހާސް ބޯޑު ތައްޔާރުކުރަންޖެހޭއިރު، ބޯޑުތައް ތައްޔާރުކުރަން ސަރުކާރުން ހަވާލުކުރާ ކުންފުންޏަށް މާލީ ބޮޑު މަންފާއެއް ލިބުން ފިޔަވައި މާ މޮޅު ނަތީޖާއެއް ނުކުންނާނެތޯ ވެސް މިއީ އުފުދޭ ސުވާލެކެވެ.
ގައުމު މިއަދު އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައި، ރައްޔިތުން ބޯހިޔާވަހިކަމާއި އަސާސީ ބޭނުންތަކަށް ޖެހިފައިވާއިރު، މިފަދަ މަޝްރޫއަކަށް ބޮޑެތި ބަޖެޓުތައް ހަދައިގެން، ލޯގޯތަކާއި ޝިއާރުތައް ހެދުމަށް ފައިސާ އިސްރާފުކުރުމަކީ، މުޖުތަމައުގެ ހަގީގީ ބޭނުންތަކާ ބީރައްޓެހިވުމެވެ. މިކަން ސިފަވަނީ ދައުލަތުގެ ނިޒާމުތަކުގައި ހުރި ކޮރަޕްޝަނާއި މާލީ ހީނަރުކަމުގެ ހަގީގީ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ބޭނުންކުރާ ސިޔާސީ އައްޑަނައެއްގެ ގޮތުގައެވެ.
ގައުމެއްގެ އަހުލާގީ ފޭރާން ބަދަލުކުރެވޭނީ މަތިން ތިރިއަށް ހިންގާ ޕްރޮޕެގަންޑާ ކެމްޕޭންތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް އިގްތިސާދީ ހަމަހަމަ ފުރުސަތުތައް ހޯދައިދޭންޖެހެއެވެ. އަހުލާގާއި އިހްތިރާމަކީ ގާނޫނުތަކަކުން ނުވަތަ ގައުމީ މަޝްރޫއުތަކަކުން މަޖުބޫރުކޮށްގެން އުފެއްދޭނެ ސިފަތަކެއް ނޫނެވެ. އެކަން އުފެދޭނީ އިންސާފާއި ހަމަހަމަކަމުގެ ތެރެއިން ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ފޯރުކޮށްދީގެނެވެ.
މި އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ވެރިންނަކީ ފާޑުނުކިޔޭނެ މާތް ބައެއްގެ ގޮތުގައި ދެއްކުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. މިއީ ރައްޔިތުންނަކީ ދައުލަތުގެ އަސްލު ބާރުގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އަލުން އަނބުރާ އިހުގެ ”ބޭފުޅިޒަމް“ގެ ބާރުވެރިކަމާއި ސަގާފަތަށް ގައުމު ގެންދިއުމަށް ކުރެވޭ ނުސީދާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ހަގީގަތެއް އެބައޮތެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި ދިވެހި ރައްޔިތުން ވޯޓުލާން ނުކުމެ އިންތިހާބުކުރަނީ ރައްޔިތުންގެ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރާ ހާދިމުންނެވެ. ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނަމަ އިހްތިރާމަކާ ނުލައި ވެސް ރައްޔިތުން އެ ވާހަކަތައް ދައްކާނެއެވެ. ސަބަބަކީ މި ނިޒާމުގައި، ހަގީގީ ވެރީންނަކި ރައްޔިތުން ކަމަށް ވާތީއެވެ. އަދި އިހްތިރާމް ނުކުރުމަކީ ވެސް ރައްޔިތުންނަށް އޮތް އިހްތިޔާރަކަށް ވާތީއެވެ.

